ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެޕް މެދުވެރިކޮށް ޑޮލަރަށް އެދި ހުށަހެޅޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
ބީއެމްއެލުން ބުނީ މިހާރުން ފެށިގެން ބީއެމްއެލް މޮބައިލް އެޕް މެދުވެރިކޮށް ފަސޭހަމަކާއެކު ހުށަހެޅޭނެ ކަމަށެވެ. އަދި ޑޮލަރު ގަތުމަށް އެދި ހުށަހަޅާ އިރު، ބޭނުންވާނެ ލިޔެކިޔުންތަކާއި މައުލޫމާތު އެޕް މެދުވެރިކޮށް ހުށަހަޅައި އެޕްލިކޭޝަންގެ ސްޓޭޓަސްވެސް އެޕްއިން ބަލައިލެވޭނެ ކަމަށެވެ.
އާސަންދަ އަދި އެންސްޕާ މެދުވެރިކޮށް ދަތުރުކުރާ ފަރާތްތަކަށް 2،000 ޑޮލަރާ ހަމައަށް ބޭންކުން ޑޮލަރު ވިއްކައެވެ. އަދި އަމިއްލަ ގޮތުން ބޭސްފަރުވާއަށް ދަތުރުކުރާ ފަރާތްތަކަށް 1،000 ޑޮލަރާ ހަމައަށް ޑޮލަރު ވިއްކާނެއެވެ.
ސިއްހީ ފަރުވާއަށް ރާއްޖޭން ބޭރަށްދާ ފަރާތްތަކަށް ޑޮލަރު ޖަމާކޮށްދޭނީ ހުށަހަޅާ ފަރާތުގެ ބީއެމްއެލް އެކައުންޓަށެވެ. ފަސޭހަކަމާއެކު އެޕް މެދުވެރިކޮށް އެކައުންޓް ހުޅުވައިލެވޭނެއެވެ.
ކިޔުންތެރިންގެ ހިޔާލު