ދިވެހި ފުލުހުންގެ ޚިދުމަތް ވަގުތީގޮތުން ހިންގުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާ ޙަވާލުކުރައްވައިފިއެވެ.
ފުލުހުންގެ ހިންގުމާ ޙަވާލުވެ ހުންނެވި، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން، 18 ފެބްރުއަރީން ފެށިގެން ފުލުހުންގެ ވަޒީފާއިން ޝަރަފުވެރިކަމާއެކު ވަނީ ރިޓަޔަރ ކުރައްވާފައެވެ.
މިއާއެކު ދިވެހި ފުލުހުންގެ ޚިދުމަތް ވަގުތީގޮތުން ހިންގަވާނީ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ ކަމުގައި ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވަނީ ކަނޑައަޅުއްވާފައެވެ.
ފަރުހާދު ފިކުރީ ޑެޕިއުޓީ ކޮމިޝަނަރގެ މަޤާމަށް ހަމަޖައްސަވާފަވަނީ، 2024 ވަނަ އަހަރުގެ ފެބްރުއަރީ 16 ވަނަ ދުވަހުއެވެ. ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ، 30 މާރިޗު 1991 ގައެވެ.
ފުލުހުންގެ ޚިދުމަތުގައި އޭނާ ހޭދަކުރެއްވި 33 އަހަރުގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަފާތު އެކި ބަހާތަކުގައި މަސައްކަތް ކުރައްވާފައިވެއެވެ. އެގޮތުން އޮޕަރޭޝަނަލް ދާއިރާ، ތަޙުޤީޤީ ދާއިރާ، އެޑްމިނިސްޓްރޭޓިވް އެންޑް ސަޕޯޓް ދާއިރާގެ އެކި ބަހާތާކުގެ ވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ.
ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް އައްޔަންކުރެއްވުމާ ހަމައަށް ފަރުހާދު ހުންނެވީ، ހެޑް އޮފް އޮޕަރޭޝަނަލް ސަޕޯޓް ކޮމާންޑް އަދި ޕީޕަލްސް ޑައިރެކްޓްރޭޓްގެ އެކްޓިންގ ހެޑްގެ މަޤާމުގައެވެ.
2023 ވަނަ އަހަރުގެ ނޮވެމްބަރު 25ގައިވެސް، އޭރުގެ ޕޮލިސް ކޮމިޝަނަރ ރިޓަޔަރ ކުރެއްވުމާއި ގުޅިގެން ފުލުހުންގެ މުއައްސަސާ ވަގުތީ ގޮތުން ހިންގެވުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާ ޙަވާލުކުރެއްވިއެވެ.
ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގައިވާ ގޮތުން ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމު ހުސްވެއްޖެނަމަ، އެ ތާރީޚުން ފެށިގެން 45 ދުވަހުގެ ތެރޭގައި މަޤާމަށް ބޭފުޅަކު އައްޔަންކުރަން ޖެހެއެވެ.
އެ މަޤާމަށް ބޭފުޅަކު އައްޔަން ކުރަން ޖެހެނީ، ޕޮލިސް ބޯޑުން އެ ބޭފުޅެއްގެ މައުލޫމާތުތައް ވަޒަންކޮށް، ވަޒީރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން ވަޒީރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ. އެ މަޤާމަށް އައްޔަންކުރަން ޖެހެނީ، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީގެ ރޭންކެއްގެ ބޭފުޅެއް ކަމަށް ޤާނޫނުގައި ބަޔާން ކޮށްފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު