ރަމަޟާން މަހަށް ހާއްސަކޮށްގެން މާލޭގައި ގާއިމްކުރި ވަގުތީ މާރުކެޓް ”ދަނޑުވެރިންގެ ބާޒާރު“ ރަސްމީކޮށް ހުޅުވައިފިއެވެ.
މި މާރުކޭޓު ގާއިމްކޮށްފައިވަނީ މާލޭގެ ނޯތު ހާބަރުގައި ކުރިން ކެފޭ ހިންގި ތަނުގައެވެ.
މި މާރުކޭޓަކީ ރަމަޟާން މަހާ ދިމާކޮށް ރަށްރަށުގެ ދަނޑުވެރިން އުފައްދާ ބާވަތްތައް މާލެ ސަރަހައްދުގައި ފަސޭހަކަމާއެކު ވިއްކޭނެ މަގުފަހިކޮށްދިނުމަށް ތަރައްގީކުރި ތަނެކެވެ. މި ބާޒާރުގައި ޖުމްލަ 7 ރަށަކުން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި ދަނޑުވެރިކަމަށް މަޝްހޫރު ށ. ގޮއިދޫ، ގއ. ނިލަންދޫ އަދި ތ. ކަނޑޫދޫ ހިމެނޭ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި، މި މާރުކޭޓުގައި ބައިވެރިވެފައިވާ ރަށްތަކަށް ތަކެތި ބެހެއްޓޭނެ ގޮތަށް ހާއްސަ ގޮޅިތަކެއް ވަނީ ތައްޔާރުކޮށްފައެވެ. އަދި މިތަނުން މޯލްޑިވްސް ފުޑް އެގްރިކަލްޗަރަލް ޕްރެކްޓިސެސް (އެމްގެޕް) ސެޓިފައިޑް ވެފައިވާ 10 ދަނޑެއްގެ އުފެއްދުންތައް ލިބެން ހުންނާނެއެވެ.
މި ބާޒާރުގެ ހާއްސަ ސިފައަކީ މިތަނުގައި ވިއްކާނީ ހަމައެކަނި ރާއްޖޭގެ ދަނޑުތަކުގައި ހައްދާ ކާނާގެ ބާވަތްތައް ކަމަށް ވުމެވެ. އެގޮތުން ރާއްޖޭގެ ރަށްރަށުގައި އުފައްދާ ރޯ މޭވާއާއި ތަރުކާރީ ފިޔަވައި އިތުރު އެއްވެސް އެއްޗެއް މި މާރުކޭޓުގައި ވިއްކުމަކީ މަނާ ކަމެކެވެ.
މި މާރުކޭޓު ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހަކު ހެނދުނު 8:00 އިން ހަވީރު 5:00 އަށެވެ. އަދި ރޭގަނޑު 9:00 އިން 11:00 އަށްވެސް ވިޔަފާރި ކުރެވޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މި ވަގުތީ މާރުކޭޓު ބަންދުކޮށް ނެގުމަށް ހަމަޖެހިފައިވަނީ ރޯދަމަސް ނިމުމާއެކު މާރިޗު މަހުގެ 26 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ހިޔާލު