ރޯދަ މަހު ފަތުރުވެރިންނަށް ކެއުން ބުއިމުގެ ހިދުމަތް ދިނުމުގައި އިސްލާމީ ރީތި އާދަތަކަށް އިހުތިރާމްކުރަން ލޯކަލް ގަވަމެންޓް މިނިސްޓްރީން މިއަދު އެދިއްޖެ އެވެ.
އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ރޯދަ މަހު ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނަށް ކެއިންބުއިމުގެ ހިދުމަތް ދިނުމުގައި ރާއްޖޭގައި އޮންނަ އިސްލާމީ ރީތި އާދަތަކާއި ދީނީ އެއްބައިވަންތަކަން އަދި އިސްލާމްދީނަށް ދިވެހިން ކުރާ އިހުތިރާމާއި ގަދަރާއި އިސްލާމީ ވަހުދަތު ދަމަހައްޓަން ބާރު ލިބޭނެ ގޮތަށް ކަންކަން އިންތިޒާމު ކުރަން ހާއްސަ ސަމާލުކަމެއް ދޭން އެދިފަ އެވެ.
މީހުން ދިރިއުޅޭ ރަށްރަށުގައި އާއްމުންނަށް ނުފެންނާނެ ގޮތަށް ފަތުރުވެރިންނަށް ކެއިންބުއިމުގެ ހިދުމަތް ދިނުމާއި އިންތިޒާމެއްގެ ދަށުން އެ ހިދުމަތް ދިނުމާއި މަގުތަކާއި އާއްމު ތަންތަނުގައި ރޯދަ މަހުގެ ހުރުމަތް ނުކެނޑޭގޮތަކަށް ފަތުރުވެރިންގެ އަމަލުތައް ބަހައްޓަން ބާރު އެޅުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.
މިނިސްޓްރީން ވަނީ ރޯދަ މަހު މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިން އަމަލުތައް ބަހައްޓަންޖެހޭނެ ގޮތުގެ މައުލޫމާތު ފަތުރުވެރިންނަށް ހިއްސާކޮށްދިނުމަށް ވެސް އެދިފައެވެ.
“ބަރަކާތްތެރި ރަމަޟާން މަހު، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިންނަށް ހިދުމަތް ދެއްވާ އެންމެހާ ފަރާތްތަކުން، އިސްވެ ދެންނެވިފައިވާ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށާއި ކައުންސިލްތަކުން އެކަންކަމަށް ފާރަވެރިވުމަށް އިލްތިމާސްކުރަމެވެ،” ބަޔާނުގައިވެ އެވެ.
ކިޔުންތެރިންގެ ހިޔާލު