51 ވަނަ ޕަބްލިކް އޯޑަރ ޓްރޭނިންގ ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މި ރަސްމިއްޔާތު ބާއްވާފައިވަނީ މިމަހު 15 ވަނަ ދުވަހުގެ ރޭގައެވެ.
ދ އަތޮޅު ވާނީގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައިވަނީ، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ އެގްޒެކެޓިވް ޑައިރެކްޓަރ، އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް އަޙްމަދު އަބްދުއްރަޙްމާންއެވެ.
މި ރަސްމިއްޔާތުގައި އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް އަޙްމަދު އަބްދުއްރަޙްމާން ދެއްކެވި ވާހަކަފުޅުގައި ވަނީ، މުޖުތަމައުގެ އާންމު މަސްލަހަތު ނަގަހައްޓައި، ދެމެހެއްޓުމަކީ ފުލުހުންނާ ހަވާލުކުރެވިފައިވާ އެންމެ މުހިންމު އެއް މަސްއޫލިއްޔަތުކަން ފާހަގަކުރައްވާފައެވެ. އަދި އެކަމަށްޓަކައި ހަމައެކަނި ޖިސްމާނީ ގާބިލުކަމާއި ހުނަރުތައް އެނގުމުގެ އިތުރުން، އަހުލާގީ މިންގަނޑުތަކަށް ބޯލެނބުމާއި، އިންސާނާގެ ވިސްނުމުގެ ބޭނުން ހެޔޮގޮތުގައި ހިފުމާއި، ގުޅިގެން މަސައްކަތްކުރުމުގެ ރޫހާއި މުޖުތަމައަށް އިހުތިރާމުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން އެ ވާހަކަފުޅުގައި، އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި ފުލުހުންގެ ޚިދުމަތުގެ ފެންވަރު މަތިކުރުމަށްޓަކައި، މި ތަމްރީނުގެ ބައިވެރިންނާއި މުދައްރިބުން ކުރެއްވި ބުރަ މަސައްކަތާއި ބެހެއްޓެވި ފަންނީ ގާބިލުކަން ފާހަގަކުރައްވައި ޝުކުރުއަދާކުރެއްވިއެވެ.
ޖަނަވަރީ 18 އިން ފެބުރުވަރީ 15 އަށް ދ.ވާނީ ކެމްޕަހުގައި ކުރިއަށް ގެންދިޔަ މި ކޯހުން އެއްވަނަ ހާސިލުކޮށްފައިވަނީ ކޮންސްޓަބަލް ޢަބްދުލް ޙަސީބްއެވެ.
ކިޔުންތެރިންގެ ހިޔާލު