ރާއްޖޭގައި ކުޅިވަރުގެ ހުނަރު ކުރިއަރުވައި، ކުޅިވަރު ތަރައްގީކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރަމުންދާ މަސައްކަތުގެ އަގުވަޒަންކޮށް އެ ބޭންކަށް ހާއްސަ އެވޯޑެއް ދީފިއެވެ.
ބީއެމްއެލްއަށް އެ އެވޯޑު ދީފައިވަނީ ސްޕޯޓްސް މިނިސްޓްރީން އިންތިޒާމުކޮށްގެން މިރޭ ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައެވެ. ބީއެމްއެލްގެ ފަރާތުން އެ އެވޯޑާ ހަވާލުވެވަޑައިގެންނެވީ އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފެވެ.
ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ބީއެމްއެލުން ކޮންމެ އަހަރަކުވެސް ރާއްޖޭގެ އެކި ގައުމީ ކުޅިވަރު ޖަމިއްޔާތަކާ ގުޅިގެން ކުޅިވަރު ތަރައްގީ ކުރުމާއި، ގައުމީ ފެންވަރުގެ މުބާރާތް ބޭއްވުމަށް އެހީތެރިވުމާއި ކުޅުންތެރިންގެ ހުނަރު ތަރައްގީކުރުމަށް މަސައްކަތް ކުރެއެވެ. އެގޮތުން ފުޓްބޯޅަ، ސްވިމިން، ޓެނިސް، ބާސްކެޓްބޯޅަ އަދި ސާފިން އެސޯސިއޭޝަންތަކާއެކު ގާއިމުކޮށްފައިވާ ދިގު މުއްދަތުގެ ޕާޓްނާޝިޕްތަކުގެ ދަށުން އެ އެސޯސިއޭޝަންތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދެއެވެ.
އޭގެ އިތުރުން 2023 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބީއެމްއެލް ސްޕޯޓްސް ސްކޮލާޝިޕްގެ ދަށުން ތަމްރީނު ހާސިލުކުރުމުގެ ފުރުސަތު ފޯރުކޮށްދެއެވެ. އެގޮތުން އެ ސްކޮލާޝިޕްގެ ދަށުން މިހާތަނަށް އަށް އެތުލީޓުންނަށް ތަމްރީނު ހޯދުމުގެ ފުރުސަތު ދީފައިވެއެވެ.
އަދި ބީއެމްއެލުން މިހާރުވެސް ވަނީ ބާސްކެޓްބޯޅަ އެރީނާއެއް ގާއިމުކުރުމަށް އެމްބީއޭ އާއެކު އެއްބަސްވެފައެވެ. ގައުމީ ފުޓުބޯޅަ ޓީމުގެ ސްޕޮންސަރުންނަކީ ވެސް ބީއެމްއެލްއެވެ. ގައުމީ ފުޓްބޯޅަ ޓީމުގެ ރަސްމީ ސްޕޮންސަރުގެ ގޮތުގައި 2017 އިން ފެށިގެން ބީއެމްއެލުން އަންނަނީ ފުުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް އެހީތެރިވަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު