ކުރިއަށްއޮތް ރަމަޟާން މަހުގައި، މަސްޖިދުލް އަގްސާއަށް އަޅުކަމަށް ދިއުމަށް ހުރަސްއަޅައި، އަދި ގުދުސްގައި ރަމަޟާން މަހާ ގުޅޭ އެއްވެސް ކަމެއް ކުރުން މަނާކޮށް، އިސްތިއުމާރީ އިސްރާއީލުން އަނިޔާވެރި ހަރުކަށި ފިޔަވަޅުތައް އަޅަން ފަށައިފިއެވެ.
އަދި ގުދުސްގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުންގެ ހަރަކާތްތައް ވަރަށް ބޮޑަށް ހަނިކޮށް، އެތައް ކަމެއް މަނާކުރަމުން އެބަ ގެންދެއެވެ.
މަސްޖިދުލް އަގްސާއަކީ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް ބިނާއެވެ.
އެކަމަކު، ކުރިއަށްއޮތް ރަމަޟާން މަހުގައި މަސްޖިދުލް އަގްސާއަށް އަޅުކަމަށް މީހުން ދިއުމަށް ހުރަސްއަޅަން އިސްތިއުމާރީ ބާރުން އެތައް ފިޔަވަޅެއް މިހާރުވެސް އަޅައިފިއެވެ.
އެގޮތުން، މަސްޖިދުލް އަގްސާ ބަލަހައްޓާ އިސްލާމިކް ވަގްފް އޮފީހުގެ މުވައްޒަފުންނާއި، މިސްކިތުގެ ގާޑުންނާއި، އިމާމުންނާއި އަދި ޝައިޚުންވެސް މިސްކިތަށް އެރުން އިސްރާއީލުން ވަނީ މަނާކޮށްފައެވެ.
ނުވިތާކަށް، ފަލަސްތީނުގެ ޒުވާން އުމުރުގެ އެއްވެސް މީހަކަށް މަސްޖިދުލް އަގްސާއަށް އަޅުކަމަށް ނުދެވޭނޭކަން އިސްރާއީލުން ގެންދަނީ އަންގަމުންނެވެ. ޒުވާނުންނަށް އެކަން އަންގަމުން ގެންދަނީ އެމީހުންގެ ފޯނަށް މެސެޖް ފޮނުވައިގެން ކަމަށް ފަލަސްތީނު މަސްދަރުތަކުން ބުނެއެވެ.
އަގްސާ މިސްކިތަށް އެރުމަށް އިސްރާއީލުން ހުއްދަ ދެމުން ގޮސްފައިވަނީ އުމުރުން 55 އަހަރުން މަތީގެ މީހުންނާއި، ކުޑަކުދީންނަށް އެކަންޏެވެ. އެކަމަކު، ރަމަޟާން މަހުގައި އުމުރުރާ އިތުރަށް ހަނިކޮށް ހަރުކަށި ކުރެއެވެ.
އަދި ރަމަޟާން މަހާ ގުޅިގެން މަސްޖިދުލް އަގްސާ ޒީނަތްތެރި ކުރުމުގެ ގޮތުން މިފަހަރު އެއްވެސް ކަހަލަ ދިއްލުންތަކެއް ދިއްލުން މަނާކޮށް، ގުދުސްގެ އެއްވެސް ހިސާބެއްވެސް ޒީނަތްތެރި ކުރުން އިސްތިއުމާރީ ބާރުން ވަނީ މަނާކޮށްފައެވެ.
މަސްޖިދުލް އަގްސާއާއި، ގުދުސްގެ އިތުރުން، ރަމަޟާން މަހުގައި ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ރައްޔިތުންނަށްވެސް އިތުރަށް ދަތިކޮށް، ގޯނާކޮށް ފުރައްސާރަ ކުރަން އިސްތިއުމާރީ އިސްރާއީލުން ޕްލޭންތައް ހަދައި ތައްޔާރުވާން ފަށައިފައި ވެއެވެ.
ހުޅަނގު އައްސޭރީގެ ރައްޔިތުންނަށް ރަމަޟާން މަހުގައި އިތުރަށް ދަތިކުރަން އިސްތިއުމާރީ ބާރުން ތައްޔާރުވަމުންދަނީ ވެސް “ސަލާމަތީ” ފިޔަވަޅުތަކުގެ ނަމުގައެވެ.
އެގޮތުން، ހުޅަނގު އައްސޭރީގެ ރަށްތަކަށް އިތުރު ސިފައިންނާއި ހަތިޔާރު ފޮނުވައި، މަގުހުރަސްތައް ޖަހައި، ރަށުތެރޭގައި ފޯރިމެރުން ވަރުގަދަ ކުރަން އިސްތިއުމާރީ ބާރުން ވަނީ ނިންމާފައެވެ.
އަދި އިސްރާއީލުގެ ނިންމުންތަކާ ދެކޮޅު ހަދާ މީހުންނާ ކުރިމަތިލުމަށާއި، އަދި ސަލާމަތީ ބާރުތަކާ ދެކޮޅަށް މަގުތަކަށް ނުކުންނަ މީހުންނަށް ހަމަލާ ދިނުމަށް ކަރުނަގޭސް ޖަހާ ޑްރޯން ފައުޖުވެސް މިހާރު ވަނީ ތައްޔާރު ކޮށްފައެވެ.
އިސްތިއުމާރީ ބާރުން ރަމަޟާން މަހާ ދިމާކޮށް ފަލަސްތީނު ރަށްތަކުގައި އަނިޔާވެރިކަން އިތުރުކޮށް، ގޯނާކުރުމާއި ފުރައްސާރަ ކުރުންތައް އިންތިހާއަށް އިތުރު ކުރުމަކީ ކުރީންވެސް ކުރަމުން އަންނަ ކަމެކެވެ.
ރަމަޟާން މަހަށް މަސްޖިދުލް އަގްސާއާއި، ގުދުސް ޒީނަތްތެރި ކުރުން މަނާކޮށް، އަގްސާ މިސްކިތަށް މީހުން ދިއުން މިފަހަރު މަނާ މިކުރީ ރަމަޟާން މަހާ ގުޅިގެން ފަލަސްތީނު ރައްޔިތުންގެ ހިތްތަކަށް އަންނަ އުފާވެރި ކަމާއި، ރޫހަށް ހުރަސްއަޅައި އިތުރަށް ނިކަމެތިކޮށް ނަފްސާނީގޮތުން ބަލިކަށި ކޮށްލުން ކަމަށް ގަބޫލު ކުރެވިފައި ވެއެވެ.
އެކަމަކު، އިސްތިއުމާރީ އިސްރާއީލުން ކިތަންމެ އަނިޔާއަކާއި ދުއްތުރާތަކެއް ކުރިމަތި ކުރިނަމަވެސް، ފަލަސްތީނު ރައްޔިތުންގެ އަގީދާ ބަލިކަށި ނުވާނޭކަން މީގެކުރިންވެސް ސާބިތުކޮށްދީފައި ވެއެވެ.
ކިޔުންތެރިންގެ ހިޔާލު