އިގްތިސާދީގޮތުން އީރާނަށް ދަތިކުރުމަށްޓަކައި ކުރެވުނުހާ ޕްރެޝަރެއް ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި، އިސްރާއީލުގެ މުޖުރިމު ނަތަންޔާހޫ އެއްބަސްވެއްޖެއެވެ.
އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން ހައްޔަރުކުރުމުގެ އަމުރު ނެރެފައިވާ ނަތަންޔާހޫ އެމެރިކާއަށް ކުރަމުން ގެންދާ ދަތުރުގައި ޓްރަމްޕާއި ނަތަންޔާހޫ ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުމުގައި މަޝްވަރާ ކުރި ކަންކަމުގެ މައުލޫމާތު މިހާރު މީޑިއާގައި ދަނީ ހާމަކުރަމުންނެވެ.
މިއީ، އެމެރިކާގެ ރައީސްކަމާ ޓްރަމްޕް ހަވާލުވި ފަހުން ނަތަންޔާހޫއާ ބައްދަލުކުރާ ހަވަނަ ފަހަރެވެ.
ޓްރަމްޕާއި ނަތަންޔާހޫ އެންމެ ބޮޑަށް ވާހަކަ ދައްކާފައިވަނީ އީރާނަށް އަދިވެސް ދަތިކޮށް ފިއްތުންތައް ކުރިމަތި ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުންނެވެ.
އެގޮތުން، އިގްތިސާދީގޮތުން އީރާނަށް އިތުރަށް ދަތިކުރުމަށް އެދެމީހުން އެއްބަސްވެފައި ވެއެވެ. އޭގެ ތެރެއިންވެސް އީރާނުގެ ތެލުގެ ވިޔަފާރިއަށް ހުރަސްއެޅުމަށް ނިންމާފައި ވެއެވެ.
އީރާނުން އެންމެ ގިނައިން ތެޔޮ ގަންނަ އެއް ގައުމަކީ ޗައިނާ ކަމަށް ވާއިރު، އެކަން ހުއްޓުވަން ކުރެވޭނެ ކަންކަމާ ގުޅޭގޮތުން ޓްރަމްޕާއި، ނަތަންޔާހޫ ވާހަކަ ދައްކައި މަޝްވަރާތައް ކޮށްފައި ވެއެވެ.
އެމެރިކާގެ ރައީސާއި ނަތަންޔާހޫ އެއްބަސްވެފައިވަނީ އީރާނަށް ވީހާވެސް ބޮޑަށް ދަތިކުރުމަށްޓަކައި “މެކްސިމަމް ޕްރެޝަރ” ޖައްސައިގެން އެމީހުން ބޭނުންވާ މަގްސަދުތައް ހާސިލް ކުރުމަށް މަސައްކަތް ކުރުމަށެވެ.
އެމެރިކާ ސަރުކާރުގެ އޮފިޝަލުން ބުނަނީ، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ ވާހަކަތައް ކުރިއަށް ގެންދިޔަ ނަމަވެސް، އެއާއެކު އީރާނަށް ވީ އެންމެ ބޮޑަކަށް ދަތިކުރަންވެސް އެމެރިކާއިން ބޭނުންވާ ކަމަށެވެ.
އަދި މެދުއިރުމައްޗށް އެމެރިކާގެ އަސްކަރީ ލަޝްކަރު ޖަމާކުރުންވެސް ކުރިއަށްދާނޭ ކަމަށާއި، ވާހަކަ ދައްކައިގެން އީރާނު މައިތިރި ނުކުރެވިއްޖެނަމަ އަސްކަރީ ބާރުގެ ބޭނުން ކުރަންޖެހިއްޖެނަމަ އެކަންވެސް އެމެރިކާއިން ކުރާނޭ ކަމަށް އެމެރިކާގެ އޮފިޝަލުން ބުނެއެވެ.
ޓްރަމްޕް – ނަތަންޔާހޫގެ މަޝްވަރާ ތަކުގައި މައިގަނޑު ގޮތެއްގައި އެއް ކަމަކަށް އެއްބަސްވެފައި ވެއެވެ. އެއީ، އީރާނަށް ނިއުކްލިއަރ ހަތިޔާރު ލިބުނަ ނުދިނުމަށެވެ. ނަމަވެސް، އީރާނު ހުއްޓުވާނެ ގޮތަކާ ގުޅޭގޮތުން ޓްރަމްޕާއި ނަތަންޔާހޫގެ ހުރީ ދެ ވިސްނުމެއް ކަމަށް މަސްދަރުތަކުން ބުނެއެވެ.
ނަތަންޔާހޫ ބުނަނީ، އެއްބަސްވުމެއް ހަދައިގެން އީރާނު ނުހުއްޓުވޭނޭ ކަމަށެވެ. އެކަމަކު، އެމެރިކާގެ ރައީސް ޓްރަމްޕް ބުނަނީ، އެއްބަސްވުމަކާ ހަމައަށް ދެވުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށް އޭނާ ގަބޫލުކުރާ ކަމަށެވެ.
މުޖުރިމު ނަތަންޔާހޫ އެމެރިކާއަށް ދިއުމުގެ ކުރިން ވަނީ، އެމެރިކާއިން އީރާނާ އެއްވެސް ބާވަތެއްގެ ވާހަކައެއް ދެއްކުމަކީ ބޭކާރު ކަމެއް ކަމަށާއި، އެއީ ވަގުތު ނަގާލުން ކަމަށްބުނެފައެވެ. އޭގެ ބަދަލުގައި އެމެރިކާއިން އީރާނަށް ވަގުތުން އަސްކަރީ ހަމަލާތައް ދޭން ފަށަން ޖެހޭ ކަމަށްވެސް ބުނަމުންދިޔައެވެ.
އީރާނުގެ ފަރާތުން އިސްރާއީލަށް އޮތް ކަމަށް ބުނާ ނުރައްކާތަކުގެ ވާހަކަތައް ދައްކައި، އެމެރިކާ ލައްވައި އީރާނަށް ހަމަލާދޭން ފެށުމަށް ނަތަންޔާހޫއާއި، އިސްރާއީލު އަސްކަރިއްޔާގެ ވެރިން އެމެރިކާގެ ވެރިންނަށް އެކި ގޮތްގޮތުން ވަސްވާސް ދެމުން ގޮސްފައި ވެއެވެ.
އެމެރިކާއިން ހަމަލާ ނުދީފިނަމަ އިސްރާއީލު އެކަނި އީރާނަށް ހަމަލާދޭންވެސް ޕްލޭނެއް ހަދައި މިހާރު ތައްޔާރު ވެފައިވާ ކަމުގެ އަޑުތައްވެސް ފެތުރެމުން އެބަދެއެވެ.
މުޖުރިމު ނަތަންޔާހޫ ވޮޝިންޓަނަށް ދިޔައީ، ޓްރަމްޕަށް އިތުރަށް ޕްރެޝަރ ކުރަން ކަމަށް، އެކިއެކި ފަރާތްތަކުން ބުނަމުންދިޔައެވެ.
އެކަމަކު، ނަތަންޔާހޫގެ ދަތުރުން އަދި ފެނިގެންދަނީ، އީރާނަށް އަސްކަރީ ހަމަލާދޭން ފެށުމަށް އެމެރިކާ ފަސްޖެހެމުންދާ ތަނެވެ.
އެމެރިކާ އަދި އިސްރާއީލު ގުޅިގެން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށިނަމަވެސް، ދުޝްމަނުން ބަލިކުރަން ފުރިހަމައަށް ތައްޔާރުވެފައިވާކަން އީރާނު އަސްކަރިއްޔާއިން ތަކުރާރުކޮށް ގެންދަނީ ހާމަކުރަމުންނެވެ.
އަދި އެމެރިކާއާއި އިސްރާއީލު ސިފައިންގެ ހިތްތަކުގައި ބިރުވެރިކަން އުފެދި، ޖެހިލުންދާ ޒާތުގެ ވީޑިއޯތައް ހަދައި އާންމު ކުރަމުންވެސް އެބަ ގެންދެއެވެ.
ކިޔުންތެރިންގެ ހިޔާލު