ބަންގަލަދޭޝްގެ ހުރިހާ ރައްޔިތުން ގައުމަށްޓަކައި މި ދަނޑިވަޅުގައި އެއްބައިވަންވުމަށް، އެގައުމުގައި ބޭއްވި އާންމު އިންތިޚާބު ކާމިޔާބު ކުރެއްވި ބަންގަލދޭޝް ނޭޝަނަލް ޕާޓީ، ބީއެންޕީގެ ޗެއަރމަން ތާރިގް ރަހްމާން އިލްތިމާސް ކުރައްވައިފިއެވެ.
އޭނާ މިކަމަށް އިލްތިމާސް ކުރެއްވީ، އިންތިޚާބުގެ ކާމިޔާބީ ކަށަވަރު ވުމާއެކު، ފުރަތަމަ ފަހަރަށް މީޑީއާ މެދުވެރިކޮށް ވާހަކަ ދައްކަވަމުންނެވެ.
ބަންގްލަދޭޝްގައި ބޭއްވި އާންމު އިންތިޚާބުގައި ޕާލަމެންޓުގެ ތިންބައިކުޅަ ދެބައި ގޮނޑި ކާމިޔާބު ކޮށްފައިވަނީ ބީއެންޕީންނެވެ.
އިންތިޚާބުގެ ކާމިޔާބީއާއެކު ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައި ގަންނަވާނީ ތާރިގް ރަހްމާނެވެ.
ތާރިގް ރަހްމާން އަމިއްލަފުޅަށް އަރުވާލެވިގެން 17 އަހަރު ލަންޑަންގައި ދިރިއުޅުއްވުމަށްފަހު އެނބުރި ގައުމަށް ވަޑައިގެންފައިވަނީ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާގެ ވެރިކަން ވެއްޓުމަށްފަހު އަދި އާންމު އިންތިޚާބު ބާއްވަން ވަގުތު ގާތްވުމުން މީގެ ދެމަސްކުރިންނެވެ.
ތާރިގް ރަހްމާން ވެވަޑައިގަންނަވާނީ 35 އަހަރަށްފަހު ބަންގްލަދޭޝްގެ ބޮޑުވަޒީރުކަން ކުރައްވާ ފުރަތަމަ ފިރިހެން ލީޑަރަށެވެ. އަދި މިއީ، 37 އަހަރަށްފަހު ބީއެންޕީ ވެރިކަމަށް އަންނަ ފުރަތަމަ ފަހަރެވެ.
މީޑީއާ މެދުވެރިކޮށް ވާހަކަ ދައްކަވަމުން ތާރިގް ރަހްމާންވަނީ، ބަންގްލަދޭޝްގެ ހުރިހާ ރައްޔިތުންނާއި އަދި ހުރިހާ ސިޔާސީ ޕާޓީތައްވެސް ބަންގްލަދޭޝްއަކީ އަމާން ރައްކާތެރި ގައުމެއްގެ ގޮތުގައި ހެދުމަށާއި، ގައުމު އަލުން ބިނާކުރުމުގައި ބައިވެރިވުމަށް ގޮވާލައްވާފައެވެ.
އަދި އިންތިޚާބާ ގުޅިގެން ގައުމުގައި އެއްވެސް ހަމަނުޖެހުމެއް ނުހިންގުމަށްވެސް އެދިވަޑައިގެން އިލްތިމާސް ކުރައްވާފައި ވެއެވެ.
ތާރިގް ރަހްމާން ވިދާޅުވީ، އޭނާ ގާއިމްކުރައްވާ ސަރުކާރު ހިންގާނީ ޕާޓީގެ މެނިފެސްޓޯގައި ކަނޑައެޅިފައިވާ ގޮތުގެމަތިން ރައްޔިތުންގެ އުދާސްތަކާއި ކަންބޮޑުވުންތައް އަޑުއަހައިގެން ކަމަށެވެ. އަދި ބަންގްލަދޭޝްގައި އަދުލުވެރި ވެރިކަމެއް ކުރައްވާނެ ކަމުގެ ޔަގީންކަންވެސް ރައްޔިތުންނަށް ދެއްވާފައި ވެއެވެ.
ހަމަ އެއާއެކު، އޭނާގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތު ބައްޓަން ކުރައްވާނީ ބަންގްލަދޭޝްގެ ގައުމީ މަސްލަހަތަށް އިސްކަން ދެއްވައިގެން ކަމުގެ ޔަގީންކަންވެސް ދެއްވާފައި ވެއެވެ.
ކިޔުންތެރިންގެ ހިޔާލު