ރާއްޖެ-އީޔޫ ޕާޓްނާޝިޕް ޑައިލޮގް ބާއްވައި ގިނަ ދާއިރާތަކަކުން މަޝްވަރާކޮށްފި އެވެ.
މިއީ 2014 ވަނަ އަހަރު ރާއްޖޭން “ސަމޯއާ އެގްރީމެންޓް”ގައި ސޮއިކުރިފަހުން ބޭއްވި މިފަދަ ފުރަތަމަ ރަސްމީ ޑައިލޮގެވެ. މި ޑައިލޮގް ބާއްވާފައިވަނީ މިމަހު 9ގައި ރާއްޖޭގަ އެވެ.
ފޮރިން މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނިގޮތުގައި މިއީ މަތީ ފަންތީގެ ބައްދަލުވުމުގައި ދެފަރާތުންވެސް ޝައުގުވެރިވާ ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް އޮތް މަގު ކަށަވަރުކުރުމަށް ލިބުނު ފުރުސަތެކެވެ. މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު ދާއިރާތަކުގެ ތެރޭގައި ޑިމޮކްރެޓިކް ގަވާނަންސް، އިންސާނީ ހައްގުތައް، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް، ކަނޑުގެ ސަލާމަތާއި ސަރަހައްދީ ރައްކާތެރިކަން، ވިޔަފާރި، މަސްވެރިކަން އަދި ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ހިމެނޭ ކަމަށެވެ.
އިގްތިސާދީ އަދި ވިޔަފާރީގެ މަޝްވަރާތަކުގައި، ދެ ގައުމުގެ ދެމެދުގައި އޮންނަ ވިޔަފާރި ފުޅާކުރުމާއި، އީޔޫގެ ބާޒާރުތަކުގައި ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް ފުރުސަތުތައް އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން، ޓެރިފްގެ ހުރަސްތަކާއި، އިންވެސްޓްމަންޓްތައް އިތުރުކުރުމަށާއި ދެމެހެއްޓެނިވި ކުރިއެރުމަށް މަގުފަހިކުރުމަށް ކުރިއަށްދާ އިސްލާހީ މަސައްކަތްތަކާ ގުޅޭގޮތުން ދެފަރާތުގެ ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
އީޔޫގެ ގައުމުތަކުގައި އޮން އެރައިވަލް ވިސާ ލިބޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުމަށްވެސް މި ބައްދަލުވުމުގައި ރާއްޖެއިން އެދިފައިވާނެ ކަމަށެވެ.
ރާއްޖެ އާއި އީޔޫގެ ސިޔާސީ، އިގުތިސޯދީ އަދި އިޖުތިމާއީ ދާއިރާއަށް އައިސްފައިވާ ފަހުގެ ބަދަލުތަކާ ގުޅޭގޮތުން ދެފަރާތުން ހިޔާލު ބަދަލުކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި އުމްރާނީ ތަރައްގީ، މާލީ ނިޒާމު ހަރުދަނާކުރުމާއި ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް، ޑިޖިޓަލް ޓްރާންސްފޯމޭޝަން، ތައުލީމު އަދި އިގްތިސާދު ސިންދަފާތުކުރުން ހިމެނޭ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އައިސީސީޕީއާރްގެ ބައިވެރިއެއްގެ ހައިސިއްޔަތުން ރާއްޖެއިން ވެފައިވާ އިގުރާރުތަކަށް އަމަލުކުރުމަށް އީޔޫ އިން ރާއްޖެއަށް ބާރު އެޅި ކަމަށްވެސް ފޮރިން މިނިސްޓްރީންވަނީ ބުނެފަ އެވެ.
ތަމްރީނުތަކާއި ސަރަހައްދީ ކަނޑުގެ ސަލާމަތާ ގުޅޭ ހަރަކާތްތަކުގެ ތެރެއިން، ގާބިލުކަން އިތުރުކުރުމަށް އީޔޫ އިން ދޭ އަމަލީ އެހީތެރިކަން ރާއްޖެއިން ބަލައިގަތް ކަމަށާއި މީގެ ތެރޭގައި ކަނޑުގެ މުހިންމު މަގުތައް ރައްކާތެރިކުރުމަށް އެހީތެރިވެދޭ “ކްރިމާރިއޯ” ޕްރޮގްރާމް ހިމެނޭ ކަމަށެވެ. ސަލާމަތީ ކަންކަމަކީ މި ޑައިލޮގްގެ މައިގަނޑު އެއް ތަނބު ކަމުގައި ބަލައި، ކުރިއަށް އޮތް އަހަރުތަކުގައި ސަލާމަތީ އެއްބާރުލުން އިތުރަށް ފުޅާކޮށް ވަރުގަދަކުރެވޭނެ އަމަލީ ގޮތްތައް ދެފަރާތުން ދެނެގަނެފައިވާ ކަމަށެވެ.
ފޮރިންގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި މި ޑައިލޮގްގައި، ރާއްޖޭން އެންމެ އިސްކަންދޭ ކަންކަމާ އެއްގޮތްވާ ގޮތުގެ މަތިން، މޫސުމަށް ހޭނުމާއި، ދިރުންތަކުގެ މުއްސަނދިކަން ހިމާޔަތްކުރުމާއި، ތިމާވެށީގެ ދާއިރާއިން މުޖުތަމައު އިސްވެ ހިންގާ ހަރަކާތްތަކަށް އީޔޫ އިން ދޭ އެހީތެރިކަން ފުޅާކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރި އެވެ. އެގޮތުން، “އެނުއަލް އެކްޝަން ޕްރޮގްރާމް” ގެ ދަށުން ހިންގުމަށް ހުށަހަޅާފައިވާ “ކޮމިއުނިޓީ ބޭސްޑް މެންގްރޫވް ޕްރޮޓެކްޝަން އެންޑް ރިހެބިލިޓޭޝަން އިން ދަ މޯލްޑިވްސް” މަޝްރޫއުގެ ފައިނޭންސިން އެގްރީމަންޓްގައި ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ސޮއިކުރުމަށް ދެފަރާތުން އެއްބަސްވެފައިވާ ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ކަނޑޫފާތައް ހިމާޔަތްކުރުމުގެ މަސައްކަތްތަކަށް އިތުރު 4 މިލިއަން ޔޫރޯ ކަނޑައެޅޭނެ ކަމަށްވަނީ ލަފާކޮށްފަ އެވެ.
މީގެ އިތުރުން، އީޔޫގެ ކޮޕާނިކަސް ސެޓެލައިޓް ސިސްޓަމުން ފޯރުކޮށްދޭ ‘އާތު އޮބްޒަވޭޝަން’ ޑޭޓާގެ ފުރުސަތު ރާއްޖެއަށް އޮތްކަން ފާހަގަކޮށް، ޓެރަރިސްޓް އަދި ކުށްވެރި ގްރޫޕްތަކުން ޓެކްނޮލޮޖީގެ ބޭނުން ނަހަމަގޮތުގައި ހިފުމުން ކުރިމަތިވާ ނުރައްކާތަކާ ދެކޮޅަށް މަސައްކަތް ކުރުމަށާއި، ޑިޖިޓަލް މާހައުލުގައި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށް ހިންގާ އާ ޕްރޮގްރާމްތަކުގެ މައުލޫމާތު އީޔޫއިން ހިއްސާކުރިއެވެ. އަދި ދެމެހެއްޓެނިވި އިންވެސްޓްމަންޓްތައް ކުރިއެރުވުމަށްޓަކައި ‘ގްލޯބަލް ގޭޓްވޭ ސްޓްރެޓެޖީ’ ގެ ދަށުން ކުރިއަށްދާ މަސައްކަތްތަކުގައި ދެމިއޮންނާނެކަމުގެ ޔަގީންކަންވެސް އީޔޫއިން ދިނެވެ.
އީޔޫ އާއި ރާއްޖެއިން ވަނީ އިންޑޯ-ޕެސިފިކް ސަރަހައްދުގެ މަސްރަހަށް އަންނަ ބަދަލުތަކާ ބެހޭގޮތުން މަޝްވަރާކޮށްފަ އެވެ.
މި މަޝްވަރާތައް ނިންމާލަމުން ދެ ފަރާތުންވެސް ވަނީ، މި ދެކެވުނު ވާހަކަތައް އަމަލީ ނަތީޖާއަކަށް ބަދަލުކުރުމަށާއި، ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ދީފައެވެ.
މީގެ އިތުރުން، 2027 ވަނަ އަހަރު ބްރަސަލްސްގައި ‘މޯލްޑިވްސް-އީޔޫ ޕާޓްނާޝިޕް ޑައިލޮގް’ ގެ ދެވަނަ ބައްދަލުވުން ބޭއްވުމާ ބެހޭގޮތުންވެސް މަޝްވަރާކޮށްފައިވާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
ރާއްޖެއާއި އީޔޫގެ ދެމެދުގައި ބޭއްވުނު ފުރަތަމަ ޕާޓްނަޝިޕް ޑައިލޮގްގެ ރިޔާސަތު ބެލެހެއްޓެވީ ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ އާއި ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސާވިސްގެ އޭޝިއާ އެންޑް ޕެސިފިކް ސަރަހައްދުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޕައޯލާ ޕަމްޕަލޯނީ އެވެ.
ކިޔުންތެރިންގެ ހިޔާލު