ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް 1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާންމަހަށް ދިވެހި ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސް ދޫކުރުން މާލެ ސަރަޙައްދުގައި ރޭގެ ނިޔަލަށް ނިންމާލައިފިއެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް ޢުމަރު ‘އެކްސް’ ގައި ރޭ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ރޭގެ ނިޔަލަށް ގްރޭޓާ މާލެ ސަރަޙައްދުގައި މަސްދަޅު ކޭސް ދޫކުރުން ނިންމާލާފައިވާ ކަމަށެވެ.
މަސްދަޅު ކޭސް ދޫކުރުން ނިންމާލި ނަމަވެސް، އެއްވެސް ސަބަބަކާ ހުރެ މިހާތަނަށް ރޯދަ ހަދިޔާ ލިބިފައިނުވާ ފަރާތެއް ހުރިނަމަ މުލަ ރޯދަ ދުވަހާ ހަމައަށް އެ ފުރުޞަތު އޮންނާނެ ކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ. ވަޒީރު ވިދާޅުވީ، މުލަ ރޯދަ ދުވަހާ ހަމައަށް މާލޭގައި ހުންނަ މިފްކޯ މަރުކަޒުން ރޭގަނޑު 8.30 ން 11.00 ށް ދޫކުރުމުގެ އިންތިޒާމު ހަމަޖެހިފައިވާނެ ކަމަށެވެ.
ވަޒީރު ވަނީ ރޯދަ ހަދިޔާގެ މަސައްކަތް ކުރުމުގައި ހަރަކާތްތެރިވި ހުރިހާ ފަރާތްތަކަކަށް ޝުކުރުދަންނަވައިފައެވެ.
ފެބްރުވަރީ 9 ވަނަ ދުވަހު ވަޒީރު އާއްމުކުރެއްވި ހިސާބުތަކުގައި ވިދާޅުވެފައިވަނީ، އެދުވަހުގެ ނިޔަލަށް މާލެ ސަރަޙައްދުގައި 43،923 މަސްދަޅު ކޭސް ދޫކޮށްފައިވާ ކަމަށެވެ. މާލެ ސަރަޙައްދުގައި ރަޖިސްޓްރީ ކުރެވިފައިވާ ޑޮމެސްޓިކް މީޓަރުތަކުގެ އަދަދަކީ 65،230 އެވެ.
މާލެ ސަރަޙައްދުގައި މަސްދަޅު ކޭސް ދޫކުރަން ފެށީ ޖަނަވަރީ 24 ވަނަ ދުވަހު އެވެ.
މާލެ ސަރަޙައްދުގައި މަސްދަޅު ކޭސް ބެހުމުގެ މަސައްކަތްތައް ނިންމާލިއިރު، އަތޮޅުތެރޭގައި މަސްދަޅު ކޭސް ދޫކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ ރަށު ކައުންސިލްތަކުންނެވެ.
ކަލަންޑަރުގައި ވާގޮތުން މިއަހަރުގެ ރަމަޟާން މަހަކީ ފެބްރުވަރީ މަހުގެ 18 ވާ ބުދަ ދުވަހެވެ. ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމަށް ބާއްވާ ޖަލްސާ ރާއްޖޭގައި އޮންނާނީ ފެބްރުވަރީ 17 ވާ އަންގާރަ ދުވަހުގެ ރެ އެވެ.
މިއަހަރު ވެސް ސަރުކާރުން ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ރޯދަ ހަދިޔާ ދޫކުރާއިރު، ރަމަޟާން މަހުން ކަރަންޓު ބިލުން ވެސް ލުއިތަކެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވައިފައެވެ.
ކިޔުންތެރިންގެ ހިޔާލު