ބޮޑުތަކުރުފާނު ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ތެރެއިން ބާޒާރުމަތި ހިމެނޭ ސަރަޙައްދުގައި ތާރު އެޅުމުގެ މަސައްކަތް ނިމިއްޖެއެވެ.
އެ ސަރަޙައްދުގައި ތާރު އަޅާފަވަނީ ރޭގައެވެ. އެ ސަރަޙައްދު އާއްމު ދަތުރުފަތުރަށް އަންނަ ހަފުތާގެތެރޭގައި ހުޅުވާލާނެއެވެ.
ބާޒާރުމަތީ ސަރަޙައްދުގެ މަގެ ހެދުމުގެ މަސައްކަތްތައް ފެށީ ޑިސެންބަރު މަހުގެ މެދުތެރޭގައެވެ. ކުރިއަށް މި އޮތް ރަމަޟާން މަހުގެ ކުރިން ބާޒާރު މަތީ ސަރަޙައްދުގެ މަގު، ތާރު އަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް މުހިންމު ވަޢުދެކެވެ.
މި މަސައްކަތް އެމްޓީސީސީން ކުރިއަށްގެންދަނީ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެދަށުންނެވެ. މިބައިގައި ހިމެނެނީ ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރު ފެށޭ ހިސާބަށެވެ.
އެގޮތުން 260 މީޓަރުގެ ސަރަޙައްދުގައި ވަނީ ތާރު އަޅާފައެވެ. އެމްޓީސީސީން ވިދާޅުވީ މުޅި މަޝްރޫޢުގެވެސް ބޮޑު އިންސައްތައެއްގެ މަސައްކަތް މިހާރު ނިންމާފަވާކަމަށެވެ. ތާރުގެ މަސައްކަތަށްފަހު ދެން ކުރިއަށްދާނީ މަގުގައި ޓްރެފިކް ނިޝާންތައް ކުރެހުމާއި ބޯޑުތައް ހަރުކުރުމުގެ މަސައްކަތެވެ. އަދި ޔުޓިލިޓީ ނެޓްވޯކްގެ ބައެއް މަސައްކަތްތައް ކުރިއަށްދާނެއެވެ.
ތާރު އަޅާ ޒަމާނީ ފެންވަރަށް މަގު ތަރައްޤީކުރަމުންދާއިރު، ޒަމާނީ ބޮޑެތި ބަދަލުތަކެއް އެ ސަރަޙައްދަށް އަންނާނެއެވެ. އަދި ބަނދަރުގެ އެއްގަމު ތޮށި ގާތްގަނޑަކަށް 6 މީޓަރަށް ބޭރަށް ޖައްސާ، މަގުގެ ފުޅާމިން 14 މީޓަރަށް ވަނީ އިތުވެފައެވެ. މަގު ތަރައްޤީކޮށްފަވަނީ 4 ލޭނަށެވެ.
މި މަސައްކަތުގައި ހިމަނައިގެން ބާޒާރުމަތީ ސަރަޙައްދު ބަނދަރު އެއްގަމު ތޮށިވެސް ވަނީ ތަރައްޤީކޮށްފައެވެ. އެގޮތުން ބަނދަރުގެ 260 މީޓަރުގެ އެއްގަމު ތޮށި ވަނީ ބަދަލުތަކާއެކު މުޅިން އަލުން ތަރައްޤީކޮށްފައެވެ.
ލޯކަލް މާރުކޭޓު މަސް މާރުކޭޓު އަދި ދަތުރުވެރިންގެ މާރުކޭޓުވެސް ހިމެނޭ އެ ސަރަޙައްދަކީ، ރަށްރަށަށް މުދާ ގެންދާ ބޯޓުފަހަރާއި އަދި މަހަށް ދާ ދޯނިތަކުންވެސް ބޭނުންކުރާ މައި ސަރަޙައްދެއެވެ. އެހެންކަމުން މިއީ މާލޭގެ އެންމެ ކާރޫބާރޫ ބޮޑު ސަރަޙައްދެވެ. މަގުގެ ތަރައްޤީކޮށް މަސައްކަތް ނިމިގެންދާއިރު، އެ ސަރަޙައްދު ރަނގަޅު ނިޒާމަކުން ތަރުތީބު ކުރެވި، މުޅި އެ ސަރަޙައްދުގެ ޓްރެފިކަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތުގެދަށުން ފުރަތަމަ ފިޔަވަހީގެ ފުރަތަމަ ސެގްމަންޓްގައި ހިމެނޭ 140 މީޓަރުގެ މަސައްކަތް ނިންމާލާ، އެ ސަރަޙައްދު ބޭނުންކުރަން ހުޅުވާލީ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
ކިޔުންތެރިންގެ ހިޔާލު