ރާއްޖޭގައި ފުރަތަމަ ފަހަރަށް ސަރުކާރުގެ ހޮސްޕިޓަލެއްގައި ތެލަސީމިއާގެ އެކި ބާވަތްތަކުގެ ޓެސްޓްތައް ހެދޭނެ ޑީ.އެން.އޭ ލެބޯރެޓަރީއެއް މޯލްޑިވްސް ބްލަޑް ސަރވިސަސް (އެމް.ބީ.އެސް) ގައި އިއްޔެ ހުޅުވައި، ޚިދުމަތް ދޭން ފަށައިފިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުގެ ދަށުން ޤާއިމުކުރި މި ލެބޯރެޓަރީގެ ސަބަބުން، މީގެ ކުރިން ރާއްޖެއިން ބޭރުން ހޯދަންޖެހޭ ލޭގެ ތަފާތު ތަޙުލީލުތައް މިހާރު ރާއްޖޭގައި ހެދުމުގެ މަގު ފަހިވެގެންދާނެއެވެ.
މި ލެބޯޓްރީގައި ބޭނުންކުރާ އޮޓަމޭޓެޑް މެޝިންތަކުގެ އެހީގައި ތެލެސީމިއާގެ ތަފާތު ވައްތަރުތައް ދެނެގަތުމުގެ މަސައްކަތް ކުރިއަށްވުރެ އަވަސްވެ، ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.
މި ލެބޯޓްރީ ގާއިމް ކުރުމަށްޓަކައި ދައުލަތުގެ ބަޖެޓުން ޖުމްލަ 2.5 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
މޯލްޑިވިއަން ބްލަޑް ސާވިސްއިން ފާހަގަ ކުރާ ގޮތުގައި މިއީ މިފަދަ ޚިދުމަތެއް ސަރުކާރުގެ ސިއްހީ ޚިދުމަތް ފޯރުކޮށްދޭ މުއައްސަސާއެއްގައި ފެށި ފުރަތަމަ ފަހަރެވެ.
މީގެ ކުރިން ރާއްޖޭގައި މި ޚިދުމަތް ފޯރުކޮށްދެމުން ދިޔައީ ހަމައެކަނި ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ) އިންނެވެ. ނަމަވެސް، ސަރުކާރުގެ ހޮސްޕިޓަލެއްގެ ދަށުން މި ޚިދުމަތް ލިބެން ފެށުމަކީ ރާއްޖޭގައި ތިބެގެން ފުޅާދާއިރާއެއްގައި ސިއްޙީ ފަރުވާ ހޯދުމަށް ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ.
މި އައު ލެބޯޓްރީއާއެކު ތެލެސީމިއާ ކުދިންނަށާއި އެ ބަލީގެ ކެރިއަރުންނަށް ބޭނުންވާ ޚާއްޞަ ޓެސްޓުތައް ރާއްޖޭގައި ހެދި، ބޭރަށް ފޮނުވަންޖެހޭ މިންވަރު މަދުވެގެންދާނެއެވެ.
ކިޔުންތެރިންގެ ހިޔާލު