ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދަރަނި ދެއްކޭނެކަމުގެ ޔަޤީންކަން އެބައޮތް: ޒަމީރު

Zameer budget 2025 1 1024x683

އަންނަ އަހަރުގެ އެޕްރީލް މަހު ރާއްޖެއިން ދައްކަންޖެހޭ 500 މިލިޔަން ޑޮލަރުގެ ސުކޫކު ދެއްކޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ވާހަކަދައްކަވަމުން ވަޒީރު ޒަމީރު ވިދާޅުވީ، މި ސުކޫކު ދެއްކުމަށްޓަކައި ރީފައިނޭންސް ކުރަނީ ކުޑަ އިންޓަރެސްޓެއްގައި، ދައުލަތަށް ލިބޭ އާމްދަނީއަށް ބަލައިގެން، އެ ފައިސާ އަނބުރާ ދެއްކޭނެ ހަރުދަނާ އުސޫލުތަކެއްގެ މަތިން ރާވައިގެން ކަމަށެވެ.
މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ ދައުލަތުގެ މާލީ ހާލަތާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ރައީސް ވިދާޅުވި ގޮތުގައި، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ 2017 ވަނަ އަހަރު އޭރުގެ ސަރުކާރުން ނެގި 250 މިލިޔަން ޑޮލަރުގެ ބޮންޑު އަދާކުރުމަށްޓަކައި، 2021 ވަނަ އަހަރު ނިމިދިޔަ ސަރުކާރުން މާ ބޮޑު އަގުގައި ނެގި 500 މިލިޔަން ޑޮލަރުގެ ސުކޫކު މި ސަރުކާރުން އަނބުރާ ދައްކަން ޖެހުމެވެ.

މިކަމާ ގުޅޭގޮތުން އިތުރަށް ތަފްޞީލު ދެއްވަމުން ވަޒީރު ޒަމީރު ވިދާޅުވީ، ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ކުރެއްވި ހަރުދަނާ މަސައްކަތްޕުޅުތަކުގެ ސަބަބުން، ދަރަނި ދެއްކުމުގެ ޤާބިލުކަން ސޮވަރިން ޑިވެލޮޕްމަންޓް ފަންޑާއި ޔޫޒަބަލް ރިޒާވްގައި މިހާރު އެބަހުރި ކަމަށެވެ.

”މިހާރު އެބަހުއްޓޭ ސޮވަރިން ޑިވެލޮޕްމަންޓްގައި ފައިސާ ދެއްކުމަށްޓަކައި 275 މިލިޔަން ޑޮލަރަށްވުރެ އިތުރަށް. އޭގެ މާނައަކީ، 2017 ގައި ނެގިފައި އޮތް 250 މިލިޔަން ޑޮލަރުގެ ދަރަނި މިހާރު ދައްކަންވީ ފައިސާ އެހެރީ،“ ޒަމީރު ވިދާޅުވިއެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ އިތުރުން ޔޫސަބަލް ރިޒާވްގައި މިހާރު 600 މިލިޔަން ޑޮލަރާ ގާތްކުރާ އަދަދަކަށް ފައިސާ އެބަހުއްޓެވެ. އަދި ގްރޮސް ރިޒާވްގައި 1.1 ބިލިޔަނަށްވުރެ ގިނަ ޑޮލަރު ހުރިކަން ފާހަގަކުރައްވަމުން ޒަމީރު ވިދާޅުވީ، ސުކޫކުގެ ފައިސާ މިއަދު ދައްކަން ޖެހުނު ނަމަވެސް އެކަމުގެ މާލީ ޤާބިލުކަން ދައުލަތުގައި އެބަހުރި ކަމަށެވެ.

ޒަމީރު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ލިކުއިޑިޓީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން، ސުކޫކު ރީފައިނޭންސް ކުރުމަށް ބޭނުންވާ 150 މިލިއަނެއްހާ ޑޮލަރުގެ ދަރަނި ވަރަށް ކުޑަ އިންޓަރެސްޓެއްގައި ހޯދޭނެ މަގު މިހާރު ފަހިވެފައިވާ ކަމަށެވެ. މިއީ ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ހާލަތު ހަމަ މަގަށް އެޅެމުންދާކަމުގެ ހެއްކެއް ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު