އަންނަ އޭޕްރީލް މަހު ދައްކަން ޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކު ދެއްކުމަށް ރީފައިނޭންސް ކުރަނީ، އާމްދަނީއަށް ބަލައި، އަނބުރާ ދެެއްކޭނެ ގޮތްތައް ރާވައިގެން ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އެ ސުކޫކުގެ އެއްބައި ދެއްކުމަށްފަހު ރީފައިނޭންސްކުރާނީ އިންޓްރެސްޓް ރޭޓު ނުވަ ޕަސެންޓަށް ވުރެ އިތުރުނުވާނެ ފަދަ ގޮތަކަށް ކަމަށެވެ.
ޕީއެސްއެމްގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ އެކަމުގެ ތަފްސީލު ހިއްސާކުރައްވާފައެވެ.
ޒަމީރު ވިދާޅުވީ، ސުކޫކު ރީފައިނޭންސްކުރާނީ އަނބުރާ ދެއްކޭނެ ގޮތްތައް ހޯދައިގެން ކަމަށެވެ.
ރައީސް ކުރެއްވި މަސައްކަތުން ސޮވަރިން ޑިވެލޮޕްމަންޓު ފަންޑާއި ޔޫޒަބަލް ރިޒާވުގައި އެ ދަރަނި ދެއްކުމުގެ ގާބިލުކަން އެބަހުރި ކަމަށް ޒަމީރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ސޮވަރިން ޑިވެލޮޕްމަންޓު ފަންޑުގައި 275 ޑޮލަރަށް ވުރެ އިތުރަށް އެބަހުރި ކަމަށެވެ. އަދި ޔޫޒަބަލް ރިޒާވްގައި 600 މިލިއަން ޑޮލަރާ ގާތްކުރާ އަދަދަކަށް ފައިސާ އެބަހުރި ކަމަށް ވެސް ވިދާޅުވި އެވެ.
ސުކޫކު ރީފައިނޭންސްކުރުމަށް ނަގަންޖެހެނީ 150 މިލިއަނެއްހާ ޑޮލަރު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ކުޑަ އިންޓްރެސްޓް ރޭޓެއްގައި އެ ފައިސާ ހޯދޭނެގޮތް ހަމަޖެހިފައިވާ ކަމަށް ޒަމީރު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު