ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެގްރިކަލްޗަރ ލެބޯޓްރީ މެދުވެރިކޮށް ސައްހަ މައުލޫމާތު ލިބޭނެ: ޑރ. މާރިޔާ

minister maria

”ނޭޝަނަލް އެގްރިކަލްޗަރ ލެބޯޓްރީ“ މެދުވެރިކޮށް، ސަރަހައްދީ ފެންވަރުގައި ދަނޑުވެރިންނަށް ބޭނުންވާ ސައްޙަ މަޢުލޫމާތާއި ފަންނީ އިރުޝާދު ފޯރުކޮށްދެވޭނޭ ކަމަށް ދަނުޑުވެރިކަމާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ނޭޝަނަލް އެގްރިކަލްޗަރ ލެބޯޓްރީ ފުވައްމުލަކުގައި މިއަދު ހުޅުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

އެކަމަނާ ވިދާޅުވީ މޫސުމީ ބަދަލުތަކާ ގުޅޭނޭފަދަ ބާވަތްތައް އިޚްތިޔާރުކުރުމަށް މަގުފަހިވުމުގެ އިތުރުން، ބަލިތައް ހަރުދަނާކަމާއެކު ކޮންޓްރޯލްކުރުމަށާއި ފަސްގަނޑުގެ ފެންވަރު ރަނގަޅުކޮށް އުފެއްދުންތެރިކަން އިތުރުކުރުމަށް ބޮޑު އެހީތެރިކަމެއް ލެބުން ލިބިގެންދާނޭ ކަމަށެވެ.

”މީގެއިތުރުން، ރަށްރަށުގެ ފެންވަރުގައި ދަނޑުވެރިކަމުގެ އިރުޝާދާއި ލަފާދޭ ނިޒާމު ހަރުދަނާކޮށް، މި މަރުކަޒު މެދުވެރިކޮށް ދަނޑުވެރިންނަށް ބޭނުންވާ ޢަމަލީ ތަމްރީނުތައް ހޯދުމުގެ ފުރުސަތު ތަނަވަސްވެގެންދާނެ. މިގޮތުން ’ސީޑްސް‘ މަޝްރޫޢުގެ ދަށުން އެހީތެރިކަން ފޯރުކޮށްދޭ 250 ދަނޑުވެރިންވެސް މި މަސައްކަތުގައި ޝާމިލުވޭ،“

ވަޒީރު ވިދާޅުވީ ”މިއަދަކީ ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާޢަތުގައި ފާހަގަކޮށްލެވޭނެ ތާރީޚީ ދުވަހެއް. ފުވައްމުލަކު ސިޓީގައި މިއަދު މި އިފުތިތާޙު ކުރެވޭ ”ނޭޝަނަލް އެގްރިކަލްޗަރ ލެބޯޓްރީ“ އާއެކު، ދަނޑުވެރިކަމުގެ ޚިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށާއި، ޤައުމީ ފެންވަރުގައި ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކަށް މިއަދު މިވަނީ އާރޯކަމެއް ލިބި، މުހިންމު ފިޔަވަޅެއް ކުރިއަށް އެޅިފައި،“ ކަމަށެވެ.

މިއީ ޕީ.ޑީ.އެސް.އޭ.އީ މަޝްރޫޢުގެ ދަށުން ޤާއިމުކުރެވުނު ލެބޯޓްރީއެކެވެ. މި ލެބްގެ ސަބަބުން ދަނޑުވެރިކަމުގެ ދާއިރާ ތަރައްޤީކޮށް، މޫސުމީ ބަދަލުތަކަށް ދަނޑުވެރިން އަހުލުވެރިކުރުވުމަށް ބޭނުންވާ ފަންނީ އެހީތެރިކަން އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދެވޭނޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

”މި މަރުކަޒުގެ ޚިދުމަތްތަކުގެ ތެރޭގައި ފަސްގަނޑު ތަޙުލީލުކުރުމާއި، ގަސްގަހާގެހީގެ ބަލިތައް ދެނެގަތުމާއި، ސޫފާސޫފި ދިރާސާކުރުމުގެ އިތުރުން ”ޕްލާންޓް ޓިޝޫ ކަލްޗަރ“ ފަދަ ޒަމާނީ ފަންނީ ވަސީލަތްތައް ހިމެނޭ،“

މި މަރުކަޒަކީ މުޅި ރާއްޖޭގައި އެމްގެޕް ތަންފީޒުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށްވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު