ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރިޝްވަތުގެ ކުށުގައި ދެކުނު ކޮރެއާގެ ކުރީގެ ރައީސްގެ އަނބިކަނބަލުން 20 މަަހަށް ޖަލަށްލާން ހުކުމްކޮށްފި

ދެކުނު ކޮރެއާގެ މަގާމުން ދުރުކޮށްފައިވާ ކުރީގެ ރައީސް ޔޫން ސުކް ޔިއޯލްގެ އަނބިކަނބަލުން ކިމް ކިއުން ހީ، ރިޝްވަތު ހިފިކަން ސާބިތުވެ 20 މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް އެ ގައުމުގެ ކޯޓަކުން ހުކުމްކޮށްފިއެވެ. ސޯލް ސެންޓްރަލް ޑިސްޓްރިކްޓް ކޯޓުން ބުދަ ދުވަހު މި ހުކުމް އިއްވިއިރު، މިއީ ދެކުނު ކޮރެއާގެ ތާރީޚުގައިވެސް ކުރީގެ ރައީސަކާއި އެމަނިކުފާނުގެ އަނބިކަނބަލުން އެއްފަހަރާ ކުށެއް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒުކުރަން ޖެހުނު ފުރަތަމަ ފަހަރެވެ.

އުމުރުން 52 އަހަރުގެ ކިމްގެ މައްޗަށް ރިޝްވަތުގެ ކުށް ސާބިތުވި ނަމަވެސް، ހިއްސާގެ އަގުތަކަށް ބަދަލު ގެނައުމަށް ނުފޫޒު ފޯރުވުމާއި، 2022 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިން ސިޔާސީ ބްރޯކަރެއް މެދުވެރިކޮށް ސާވޭތަކެއް ހޯދިކަމަށް ބުނެ އުފުލި ދައުވާތަކުން ކޯޓުން ވަނީ އޭނާ ބަރީއަކޮށްދީފައެވެ. ރިޝްވަތުގެ މައްސަލައިގައި ކިމް ކުށްވެރިވީ، 2022 ވަނަ އަހަރުގެ އޭޕްރީލް މަހާއި ޖުލައި މަހާ ދެމެދު ޔުނިފިކޭޝަން ޗާޗްގެ ފަރާތުން 80 މިލިއަން ވޮންގެ އަގުހުރި ހަދިޔާ ހޯދުމާ ގުޅިގެންނެވެ. އޭގެ ތެރޭގައި އަގުބޮޑު ‘ގްރާފް’ ބްރޭންޑްގެ އަލިމަސް ހާރަކާއި ‘ޝްނެލް’ ބްރޭންޑްގެ އަތްދަބަސް ހިމެނޭއިރު، މިއީ ސިޔާސީ ނުފޫޒު ބޭނުންކޮށްގެން ވަކި ކަންތައްތަކެއް ކޮށްދިނުމަށް ދީފައިވާ ރިޝްވަތުކަން ވަނީ ހާމަވެފައެވެ.

މައްސަލަ ބެއްލެވި ގާޒީ ވޫ އިން-ސަންގް ވިދާޅުވީ، ކިމް އޭނާގެ މަގާމުގެ ނުފޫޒު ބޭނުންކުރެއްވީ އަމިއްލަ މަންފާއަށް ކަމަށާއި، މަގާމު މަތިވާ ވަރަކަށް މިފަދަ އަމަލުތަކުން ދުރުހެލިވުމަށް ސަމާލުވާންޖެހޭނެ ކަމަށެވެ. އަދި ހުށަހެޅުންތަކަށް ނޫނެކޭ ބުނުމުގެ ބަދަލުގައި އަމިއްލަ ނަފްސު ޒީނަތްތެރިކުރުމަށް އިސްކަންދެއްވިކަން ގާޒީ ފާހަގަކުރެއްވިއެވެ. މި މައްސަލައިގައި ޕްރޮސެކިއުޓަރުން 15 އަހަރުގެ ޖަލު ހުކުމަކަށް އެދުނު ނަމަވެސް، ކިމްގެ ކުށުގެ ރެކޯޑެއް ކުރިން ނެތުމާއި ރިޝްވަތަށް އަމިއްލައަށް އެދިފައިނުވާތީ ކޯޓުން ކަނޑައެޅީ ލުއި އަދަބެކެވެ. ޖަލު ހުކުމުގެ އިތުރުން ރިޝްވަތުގެ ގޮތުގައި ލިބުނު އަލިމަސް ހާރު ދައުލަތަށް ނެގުމަށާއި، 12.85 މިލިއަން ވޮން (ގާތްގަނޑަކަށް 9,000 ޑޮލަރު) އަނބުރާ ދެއްކުމަށް ވަނީ އަމުރުކޮށްފައެވެ.

ކިމްގެ ފިރިކަލުން އަދި ކުރީގެ ރައީސް ޔޫން ގެންދަވަނީ 2024 ވަނަ އަހަރު ގެންަން އުޅުނު އަސްކަރީ ބަޣާވާތާ ގުޅިގެން، ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމާއި އިންސާފަށް ހުރަސް އެޅުމުގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް މިހާރުވެސް ތަންފީޒު ކުރައްވަމުންނެވެ. ކިމްގެ މައްޗަށް އިތުރު ތުހުމަތުތަކެއްވެސް ކުރެވޭއިރު، މާސްޓާސް ތީސީސް ކޮޕީކޮށްފައިވާކަން ސާބިތުވުމުން 1999 ވަނަ އަހަރު އޭނާ ހާސިލްކުރި ޑިގްރީއެއްވެސް ވަނީ ބާތިލުކޮށްފައެވެ. ކޯޓުގެ ހުކުމާ ގުޅިގެން ކިމް ވިދާޅުވެފައިވަނީ މިއީ ބޭއިންސާފެއް ކަމަށާއި، ލިބުނު ދަބަސްތައް ބޭނުންނުކޮށް އަނބުރާ ރައްދުކޮށްފައިވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

2024 12 03t152647z 1687863909 Rc2qhbazo94u Rtrmadp 3 Southkorea Politics

ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔޯލް ހައްޔަރުކޮށްފި