ގައުމީ ފުޓްސަލް ޓީމުން ހޯދި ތާރީހީ ކާމިޔާބީ ފާހަގަކުރުމަށް މިރޭ މާލޭގައި ހަވާއަރުވާނެ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އެ ވުޒާރާއިން ވިދާޅުވީ މި ހަރަކާތް ކުރިއަށް ގެންދަނީ މިރޭ އާޓިފިޝަލް ބީޗުގައި ކަމަށާއި މި ހަރަކާތަކީ ގައުމީ ޓީމަށް މަރުހަބާ ކިއުމުގެ ގޮތުން ކުރިއަށް ގެންދާ ހާއްސަ ހަރަކާތެއް ކަމަށެވެ.
ހަވާއެރުވުމުގެ ހަރަކާތުގެ އިތުރުން އާޓިފިޝަލް ބީޗުގައި ބޮޑުބެރުގެ ހަރަކާތްތަކާއި ގައުމީ ޓީމުގެ ކުޅުންތެރިންނާއެކު ފޮޓޯ ނެގުމާއި، ޓްރޮފީއާއެކު ފޮޓޯޯ ނެގުމުގެ ފުރުސަތުވެސް އާންމުންނަށް އޮންނާނެއެވެ.
ގައުމީ ފުޓްސަލް ޓީމް ރާއްޖެ އައުމަށް ހަމަޖެހިފައިވާ ބޯޓު ވީއައިއޭއަށް ޖެއްސުމާއެކު މަރުހަބާ ކިއުމުގެ ހަރަކާތްތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ހަމައިން ފެށޭނެއެވެ.
މި ހަރަކާތްތަކަކީ އެފްއޭއެމާއި ކުޅިވަރު ވުޒާރާއިން ގުޅިގެން ކުރިއަށް ގެންދާ ހަރަކާތް ތަކެކެެވެ
މިއީ ސަރަހައްދީ މުބާރާތަކުން ރާއްޖޭގެ ފުޓްސަލް ޓީމު ހޯދި ފުރަތަމަ ކާމިޔާބީއެވެ. ގައުމީ ޓީމަށް މަރުހަބާކިއުމަށް ވިހާވެސް ގިނަ ބަޔަކު އާޓިފިޝަލް ބީޗަށް ދިއުމަށް ސަރުކާރުން ވަނީ އެދިވަޑައިގެންފައެވެ.
ކިޔުންތެރިންގެ ހިޔާލު