ދެ ދަރިވަރަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މ. އަތޮޅު މަދަރުސާގެ ކުރީގެ ހެލްތު އެންޑް ފިޒިކަލް އެޑިއުކޭޝަން ޓީޗަރު ޝުއައިބު އަބްދުﷲ ގެ މައްޗަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ފަސް ދައުވާއެއް އުފުލައިފި އެވެ.
ޕީޖީ އޮފީހުން ބުނީ މ. ކޮޅުފުށީ ސާދާގެ، ޝުއައިބު އަބްދުﷲގެ މައްޗަށް ދައުވާކުރީ އޭނާ ކިޔަވައިދިން ދެ ކުއްޖެއްގެ ގައިގާ ޖިންސީ ނިޔަތެއް އޮވެގެން އަތްލާފައިވާތީ އާއި އެ ކުދިންނަށް އޮރިޔާން މަންޒަރު ހިމެނޭ ވީޑިއޯ ދައްކާފައިވާ ކަމަށް ތުހުމަތުކުރެވޭތީ ކަމަށެވެ.
އޭނާގެ މައްޗަށް މި މަހުގެ 21 ވަނަ ދުވަހު ކޮޅުފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ދެ ދައުވާ އާއި އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކު ލައްވައި ޖިންސީ އަމަލެއް ބެލުވުމުގެ ދެ ދައުވާ އާއި ދިވެހިރާއްޖޭގައި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އާއި އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމާއި ކުޑަކުއްޖަކު ލައްވައި ޖިންސީ އަމަލެއް ބެލުވުމުގެ ކުށަކީ 15 އަހަރާއި 18 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނަ ކުށްތަކެވެ. އަދި އޮރިޔާން ކާޑު ގެންގުޅުމަކީ 1 މަހާއި ހަ ދުވަހަށް ޖަލަށް ލެވޭ ކުށެކެވެ.
އެ ދައުވާތައް ސާބިތުވެއްޖެ ނަމަ، ޝުއައިބު އަބްދުﷲ ގެ މައްޗަށް މަދުވެގެން 60 އަހަރާއި 1 މަހާއި 6 ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅޭނެއެވެ.
ކިޔުންތެރިންގެ ހިޔާލު