އަތޮޅުތެރޭގައި ސިއްޙީ ޚިދުމަތް ފުޅާކޮށް، މާލެއަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ކެންސަރު ބަލީގެ މީހުންނަށް ދޭ ކީމޯ ތެރަޕީގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މިއީ މާލެއިން ބޭރުން ރާއްޖޭގެ ހޮސްޕިޓަލެއްގައި މި ޚިދުމަތް ފެށި ތިންވަނަ ފަހަރު ކަމަށްވާއިރު، މިކަމުގެ ސަބަބުން އެ ސަރަހައްދުގައި ތިބި ކެންސަރު ބަލީގެ މީހުންނަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު ރ. އަތޮޅަކީ މުޅި ރާއްޖެއިން ހަތަރުވަނައަށް އެންމެ ގިނަ އަދަދަކަށް ކެންސަރު ބަލީގެ މީހުން ރަޖިސްޓަރީ ކުރެވިފައިވާ އަތޮޅެވެ. އެ ހޮސްޕިޓަލުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިވަގުތުވެސް އެ އަތޮޅުގައި ކެންސަރަށް ފަރުވާ ހޯދަމުންދާ 58 ބަލި މީހުން އެބަތިއްބެވެ. އާސަންދައިގެ ރެކޯޑުތަކަށް ބަލާއިރުވެސް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާން އެންމެ ގިނަ މީހުން އެދެނީ ކެންސަރު ބައްޔަށެވެ. އެހެންކަމުން އުނގޫފާރުގައި މި ޚިދުމަތް ފެށިގެން ދިއުމަކީ އެ އަތޮޅުގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ.
މި ޚިދުމަތް ދިނުމަށްޓަކައި އުނގޫފާރު ހޮސްޕިޓަލުގައި ވަނީ ޚާއްޞަ ކީމޯ ރޫމެއް ޤާއިމުކޮށް، އެއްފަހަރާ ދެ މީހުންނަށް ޚިދުމަތް ދެވޭނެ އިންތިޒާމު ހަމަޖައްސާފައެވެ. މި މަސައްކަތް ފެށުމަށްޓަކައި އައިޖީއެމްއެޗްގެ އޮންކޮލޮޖީ ޑިޕާޓްމަންޓުގެ އެހީތެރިކަމާއެކު ދެ ނަރުހުން ވަނީ ޚާއްޞަ ތަމްރީނުތަކެއް ފުރިހަމަކޮށްފައެވެ. ހޮސްޕިޓަލުގައި މިވަގުތު ކެންސަރަށް ޚާއްޞަ ޑޮކްޓަރެއް ނެތް ނަމަވެސް، ފަރުވާގެ ކަންކަން ކުރިއަށް ގެންދާނީ އައިޖީއެމްއެޗްގެ ޑޮކްޓަރުންނާ ގުޅިގެންނެވެ. އަދި ބަލި މީހަކަށް އިމަޖެންސީ ފަރުވާއެއް ބޭނުންވެއްޖެ ޙާލަތެއްގައި ވީހާވެސް އަވަހަކަށް މާލެ ފޮނުވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތު ދެއެވެ.
ކީމޯ ތެރަޕީ ނަގަން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓަރީވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. ނަމަވެސް ކޮންމެ ބަލި މީހަކަށްވެސް ދޭންޖެހޭ ފަރުވާގެ ޕްލޭން ތަފާތުވުމާއި، ބޭނުންވާ ބޭސް ރާއްޖެއިން ބޭރުން ގެންނަން ވަގުތު ނަގާނެތީ، ހޮސްޕިޓަލުން އިލްތިމާސްކުރަނީ ވީހާވެސް އަވަހަކަށް ހޮސްޕިޓަލަށް ގުޅައިގެން އެކަން ހަމަޖެއްސުމަށެވެ. މީގެ ކުރިން އެހެން ތަނަކުން ފަރުވާ ހޯދަމުން އައި ނަމަވެސް ނުވަތަ އަލަށް ފަށާ މީހެއް ނަމަވެސް، އުނގޫފާރުން ޚިދުމަތް ހޯދަން ބޭނުންނަމަ އެކަން އެންގުމަށް ހޮސްޕިޓަލުން އެދެއެވެ.
ރާއްޖޭގައި ކެންސަރު ބަލީގެ މީހުން އެންމެ ގިނައީ މާލެ ސަރަހައްދުގައެވެ. ދެވަނައަށް އައްޑޫ ސިޓީ އަދި ތިންވަނައަށް ށ. އަތޮޅު ހިމެނޭއިރު، ސަރުކާރުން ދަނީ އަތޮޅުތަކުގައި މި ފަރުވާ ފުޅާކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން 2014 ވަނަ އަހަރު ރާއްޖޭގައި ކީމޯ ދޭން ފެށުމަށްފަހު، މާލެއިން ބޭރުން އެންމެ ފުރަތަމަ މި ޚިދުމަތް ފެށީ 2020 ވަނަ އަހަރު ޅ. އަތޮޅު ހޮސްޕިޓަލުގައެވެ. އޭގެ ފަހުން 2023 ވަނަ އަހަރު ގދ. ތިނަދޫ ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައިވެސް ވަނީ ކީމޯ ދެވޭނެ އިންތިޒާމު ހަމަޖައްސާފައެވެ.
ކިޔުންތެރިންގެ ހިޔާލު