މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުالله މައުމޫން އެ މަގާމުގައި ހުންނެވި ދުވަސްވަރު ރިޝްވަތު ހިފިކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް އުފުލި ހަތް ދައުވާގެ ތެރެއިން ސާބިތުނުވާ ކަމަށް ކޯޓުން ކަނޑައެޅި ފަސް ދައުވާއެއް އިސްތިއުނާފުކުރަން ގަސްތުކުރާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
އޭގެ ތެރެއިން ދެ ދައުވާއެއް ސާބިތުވެ އޭނާގެ މައްޗަށް 12 އަހަރުގެ ޖަލު ހުކުމެއް އިއްވީ ސެޕްޓެމްބަރު 29، 2025 ގަ އެވެ. ސާބިތުނުވާ ފަސް ދައުވާ ހައި ކޯޓުގައި އިސްތިއުނާފު ކުރާނީ ޝަރީއަތް ނިމުނު ގޮތުގެ ފުރިހަމަ ރިޕޯޓު ލިބުމުން ކަމަށް ޕީޖީއިން ބުނެ އެވެ.
“މި ފަސް ދައުވާ ސާބިތުނުވާކަމަށް ނިންމި ސަބަބުތަކަށް ބަލާއިރު މި ނިންމުން ނިންމާފައިވަނީ ދައުލަތުން ހުށަހެޅި ހެކިތަކަށް އެކަށީގެންވާ ގޮތެއްގައި ރިއާޔަތް ކުރުމެއްނެތި، ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށް މި އޮފީހަށް ބެލެވޭ،” ޕީޖީއިން ބުނެފައިވެ އެވެ.
ރިޝްވަތުގެ ކުށުގެ ދައުވާ މައުމޫންގެ މައްޗަށް އުފުލީ އޭޕްރިލް 24، 2024 ގަ އެވެ. އޭނާއަށް ރިޝްވަތުގެ ކުށުގެ ދައުވާ އުފުލީ މޯލްޑިވް ގޭސްއަށް ލިކުއިޑް ޕެޓްރޯލިއަމް ގަތުމަށް ތްރީޑީއެޗް އިންޓަނޭޝަނަލަށް ހަވާލުކުރުމަށް ފަހު އެ ކުންފުނިން އެކި ދުވަސް މަތިން އަބްދުﷲ މައުމޫނަށާއި އޭނާގެ މަސްލަހަތު އޮންނަ ކުންފުނިތަކަށް އަދި އާއިލާ މީހުނަށް ފައިސާ ޖަމާކޮށްފައިވާ ހަތް މުއާމަލާތެއްގެ މައްސަލައިގަ އެވެ.
ރިޝްވަތުގެ ގޮތުގައި އަބްދުﷲ މައުމޫނާއި އޭނާއާ ގުޅުން ހުރި އެކައުންޓުތަކަށް ހަތް ފަހަރެއްގެ މަތިން 298،403.5 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
އޭނާގެ މައްޗަށް ދައުލަތުން ފުރަތަމަ ދައުވާ އުފުލީ އޭޕްރިލް 7، 2016 ގައި މައުމޫންގެ ބީއެމްއެލް އެކައުންޓަށް 29،941.50 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާތީއެވެ.
ޖޫން 2016 ގައި މައުމޫންގެ ނަމުގައި ބޭންކް އޮފް ސިލޯންގައި ހުޅުވާފައިވާ އެކައުންޓަކަށް 49،921.50 އެމެރިކާ ޑޮލަރު ޖަމާކުރުމާއި ހަމަ އެ މުއްދަތުގައި އޭނާއާ ގުޅުން އޮންނަ ކުންފުންޏެއް ކަމަށްވާ މޮން އާކް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ ބީއެމްއެލް އެކައުންޓަކަށް 12،201.50 ޑޮލަރު ޖަމާކޮށްފައިވާ މައްސަލާގައި ވެސް ދައުވާ އުފުލި އެވެ.
ކިޔުންތެރިންގެ ހިޔާލު