ޕާކިސްތާނުގެ ކަރާޗީގައި ހުރި ޝޮޕިންގ މޯލްއެއްގައި ހިނގި ވަރުގަދަ އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 6 އަށް އަރައިފިއެވެ.
މަރުވި މީހުންގެ ތެރޭގައި އަލިފާން ނިއްވަން އުޅުނު ފަޔަރފައިޓަރަކުވެސް ހިމެނެއެވެ.
ކަރާޗީގެ އެމްއޭ ޖަނާހް ރޯޑްގައި އެތައް ފަންގިފިލާއަކަށް ހަދާފައި ހުރި ގުލް ޕްލާޒާގައި އަލިފާން ރޯވެފައިވަނީ ޕާކިސްތާނު ގަޑިން ރޭ 10 ޖެހިއިރުއެވެ.
އަލިފާން ރޯވުމާއެކު، އަލިފާން ނިއްވާ ޓީމުތައް ގޮސް ހަރަކާތްތެރިވާން ފަށާފައި ވެއެވެ.
ނަމަވެސް، އެކަށީގެންވާ ވަރަށް ފެން ނުލިބުމާއި، ޓެކްނިކަލް މައްސަލަތައް ދިމާވުމާއި، ހަރުގަނޑެއް ވެއްޓި އެތައް ފަޔަރފައިޓަރުންނަށް އަނިޔާވުމުގެ ސަބަބުން އަލިފާން ނިއްވުމުގެ މަސައްކަތަށް ހުރަސްތައް ކުރިމަތިވި ކަމަށް ޚަބަރުތައް ބުނެއެވެ.
އަލިފާނުގެ ސަބަބުން 6 މީހުން މަރުވެފައިވާ ކަމަށް މިހާތަނަށް ކަށަވަރު ވެފައި ވާއިރު، ކައިވެނީގެ ހަފްލާއަކަށް ތަކެތި ގަންނަން ދިޔަ އެއް އާއިލާއެއްގެ 6 މެމްބަރުން އަދިވެސް ނުފެންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ފިހާރަތަކުގައި ތާށިވެފައި ތިބީ ކިތައް މީހުންކަމެއް އަދިވެސް ސާފު ނުވާކަމަށް ޓީމުތަކުން ބުނެއެވެ.
އަލިފާނުގެ ސަބަބުން 20 މީހުން ޒަޚަމްވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ގުލް ޕްލާޒާ އިމާރާތުގައި ގާތްގަނޑަކަށް 1،200 ފިހާރަ ހުރެއެވެ. އޭގެ ތެރޭގައި ފަސޭހައިން އަލިފާން ހިފާ ޒާތުގެ ސާމާނުވެސް ވިއްކާ ފިހާރަތައްވެސް ހުރެއެވެ.
އެތަނުގައި ރޯވެފައިވާ އަލިފާންގަނޑު އަދިވެސް ކޮންޓްރޯލް ނުވެއެވެ. އަލިފާން ނުނިވި ގިނައިރު އެނދުމުގެ ސަބަބުން އިމާރާތުން ބައެއް މިހާރު ވެއްޓިފައިވާ ކަމަށް ރެސްކިއު އޮފިޝަލުން ބުނެއެވެ.
އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރްދާރީއާއި، ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފްވަނީ ތައުޒިޔާ ފޮނުއްވާފައެވެ.
އަދި އަނިޔާވި މީހުންނަށާއި، ގެއްލުންވި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށާއި، އަލިފާނުގެ ހާދިސާތަކުން މީހުންގެ ފުރާނައާއި މުދަލަށް ގެއްލުން ވިޔަނުދިނުމަށް އެޅެންހުރި ހުރިހާ ފިޔަވަޅުތަކެއް އެޅުމަށް ޕާކިސްތާނުގެ ބޮޑުވަޒީރުވަނީ ކަމާބެހޭ އިދާރާތަކަށް އަމުރު ކުރައްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު