ކުޑަކުދިންނަކީ ޤައުމުގެ މުސްތަޤުބަލު ކަމުގައިވީހިނދު، އެކުދިން ބޮޑުވަމުން އަންނަނީ ކަރާމާތާއި ރައްކާތެރިކަން ލިބިފައިވާ، އަދި އެކުދިންގެ ޚިޔާލާއި ޝުޢޫރުތައް ބަލައިގަންނަ މާހައުލެއްގައިކަން ކަށަވަރުކުރުމަށް ދިވެހިރާއްޖެއިން އަބަދުވެސް ޚާއްޞަ އިސްކަމެއް ދޭނެކަމަށް ބަންޑާރަ ނައިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ. އުޝާމް މިހެން ވިދާޅުވީ، ކުޑަކުދިންގެ ޙައްޤުތަކާ ބެހޭ ބައިނަލްއަޤްވާމީ މުއާހަދާގެ ދަށުން 2021 ވަނަ އަހަރު ރާއްޖެއިން ހުށަހެޅި ރިޕޯޓު މުރާޖަޢާކުރުމަށް އދ. ގެ ކުޑަކުދިންނާ ބެހޭ ކޮމިޓީން ޖެނީވާގައި ބޭއްވި ސެޝަންގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ބަންޑާރަ ނައިބު ފާހަގަކުރެއްވި ގޮތުގައި، ކުޑަކުދިންނަށް އިޙުތިރާމްކުރާ އަދި ރައްކާތެރި މާހައުލެއް ހޯދައިދިނުމަކީ ސަރުކާރުން އަބަދުވެސް މަސައްކަތްކުރަމުންދާ މިސްރާބެވެ. އަދި ކޮންމެ ކުއްޖަކުވެސް ބޮޑުވަނީ އެކުދިން ދެކޭގޮތް މުޖުތަމަޢުން ބަލައިގަންނަ ފަދަ އަމާން ވެއްޓެއްގައިކަން ޔަޤީންކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްދާނެކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.
ދެ ސެޝަނަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ރިވިއުގައި، ކުޑަކުދިންގެ ޙައްޤުތަކާބެހޭ މުއާހަދާ ތަންފީޛުކުރުމަށްޓަކައި 2016 ވަނަ އަހަރުން ފެށިގެން މިހާތަނަށް ރާއްޖެއިން ކޮށްފައިވާ މުހިންމު މަސައްކަތްތަކާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ދިވެހިރާއްޖޭގެ ވަފުދުން ވަނީ ތަފްޞީލީ ގޮތެއްގައި ޖަވާބުދާރީވެފައެވެ. މި ސެޝަން ނިމުމުން، ރާއްޖެއިން ހުށަހެޅި ރިޕޯޓާއި ބައްދަލުވުމުގައި ޙިއްސާކުރެވުނު މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، ކޮމިޓީގެ “ކޮންކްލޫޑިންގ އޮބްසާވޭޝަންސް” އަދި ހުށަހެޅުންތައް (ރިކޮމެންޑޭޝަންސް) ރާއްޖެއާ ޙިއްސާކުރާނެއެވެ.
މި މުހިންމު ބައްދަލުވުމުގައި ރާއްޖެ ތަމްސީލުކުރެއްވި މަތީ ފަންތީގެ ވަފުދުގައި ބަންޑާރަ ނައިބު އަޙްމަދު އުޝާމްގެ އިތުރުން، ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު ޢަލީ އިޙުސާން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެއިތުރުން ޖެންޑަރ މިނިސްޓްރީއާއި އެޑިއުކޭޝަން މިނިސްޓްރީގެ އިސް ބޭފުޅުންނާއި، ޖެނީވާގައި ހުންނަ އދ. ގެ އޮފީހަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަންގެ އޮފިޝަލުންވެސް މި ވަފުދުގައި ހިމެނިވަޑައިގެންނެވިއެވެ.
ކިޔުންތެރިންގެ ހިޔާލު