ބަންގްލަދޭޝަށް ދަތުރުކުރާ ފަރާތްތަކަށް އޮން އެރައިވަލް ވިސާ ދޫކުރުން އެގައުމުގެ ސަރުކާރުން ވަގުތީ ގޮތުން މެދުކަނޑާލުމަށް ނިންމައިފިއެވެ.
މިކަމާ ގުޅިގެން ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، މި ފިޔަވަޅަކީ އަންނަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން އެގައުމުގެ ސަރުކާރުން އެޅި ފިޔަވަޅެއް ކަމަށެވެ.
ފޮރިން މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ނިންމުމާ އެކު މި ހިނގާ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް، އެ ގައުމަށް ދަތުރުކުރާ އެންމެހައި ފަރާތްތަކަށް އޮން އެރައިވަލް ވިސާ ދޫކުރުން ވަގުތީ ގޮތުން މެދުކަނޑާލާނެއެވެ.
މި މުއްދަތުގެ ތެރޭގައި ބަންގްލަދޭޝްއަށް ދަތުރުކުރަން ގަސްދުކުރާ ދިވެހި ރައްޔިތުން، ދަތުރުގެ ކުރިން ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަނުން ބޭނުންވާ ވިސާ ނެގުމަށް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
ބަންގްލަދޭޝްގެ ސަރުކާރުން މިފަދަ ފިޔަވަޅެއް އަޅާފައި މިވަނީ އެގައުމުގެ އާންމު އިންތިޚާބާ ދިމާކޮށް ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ ގޮތުންނެވެ. އެހެންކަމުން، އެ ގައުމަށް ދަތުރުކުރާ ދިވެހިން މި ބަދަލަށް ސަމާލުވުމަށް ސަރުކާރުން ވަނީ އެދިފައެވެ.
ކިޔުންތެރިންގެ ހިޔާލު