ސިވިލް ސަރވިސްގެ އަންހެން މުވައްޒަފުން ހެދުން އެޅުމުގެ ގަވާއިދަށް ގެނައި ބަދަލުތަކާއެކު، ހެދުން އެޅުމުގެ މިންގަނޑަކީ މުވައްޒަފުންގެ އަހުލާގާއި ސުލޫކީ މިންގަނޑުގެ ބައެއް ކަމަށް ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އިން ހާމަކޮށްފިއެވެ. މި ގަވާއިދަށް ގެނައި އިސްލާހުތަކުގައިވާ ގޮތުން، އަންހެން މުވައްޒަފުންގެ ހެދުން ހުންނަންވާނީ ކަރުވަޅާއި ހަށިގަނޑުގެ ވަނާތައް ނިވާވާގޮތަށެވެ. އަދި އިސްތަށިގަނޑު ކަޅުކުލަ ފިޔަވައި އެހެން ކުލައަކުން ކުލަޖެއްސުމާއި، ޝޭޑްކޮށް ހައިލައިޓް ކުރުން ވަނީ މަނާކޮށްފައެވެ. ނަމަވެސް ގަހަނާ އެޅުމާއި މޭކަޕް ކުރުމަށް ހުރަހެއް ނެތެވެ.
ސީއެސްސީގެ ކައުންސެލް ޖެނެރަލް އިބްރާހީމް ރަޝީދު ވިދާޅުވި ގޮތުގައި ކުރިން އާންމުކޮށް އޮތް ގަވާއިދު މިހާރު ވަނީ އިތުރަށް ތަފްސީލު ކުރެވިފައެވެ. އަދި ހެދުން އެޅުމަކީ ކޯޑް އޮފް ކޮންޑަކްޓްގެ ބައެއް ކަމަށްވާތީ، މިންގަނޑާ ޚިލާފުވާނަމަ ފިޔަވަޅު އެޅޭނެއެވެ. އެހެންނަމަވެސް، އާންމު އުސޫލުގެ މަތިން ފުރަތަމަ ދެވޭނީ ނަސޭހަތާއި އިރުޝާދެވެ. ފިޔަވަޅު އަޅާނީ އެއަށްފަހުވެސް އިސްލާހު ނުވެއްޖެނަމައެވެ.
މި އިސްލާހުތަކާ ގުޅިގެން އިދިކޮޅު އެމްޑީޕީ ފަދަ ފަރާތްތަކުން މިއީ ޒާތީ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ ފާޑުކިޔަމުންދާއިރު، ގިނަ ބަޔަކު މިކަމަށް ތާއީދުވެސް ކުރެއެވެ. މި ބަދަލުތައް ގެނެސްފައިމިވަނީ ރައީސުލްޖުމްހޫރިއްޔާ އާންމުންނާ ބައްދަލުކުރެއްވި ރެއެއްގައި އާންމު ފަރާތަކުން މިކަމާ ގުޅޭ ޝަކުވާއެއް ހުށަހެޅިތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި އިސްލާހުގައި ފިރިހެން މުވައްޒަފުންގެ އިސްތަށިގަނޑާ ގުޅޭ ވަކި މިންގަނޑެއް ބަޔާންކޮށްފައެއް ނުވެއެވެ.
ކިޔުންތެރިންގެ ހިޔާލު