ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ފުޅާ ދާއިރާއެއްގައި އެތަކެތީގެ ވިޔަފާރިކޮށް މަނީލޯންޑާ ކުރާ ގއ. އަތޮޅަށް ނިސްބަތްވާ ނެޓްވޯކްގެ މެންބަރުންގެ ބޭންކު އެކައުންޓްތަކުގައި ފާއިތުވި ފަސް އަހަރު 300 މިލިއަން ރުފިޔާ ދައުރުވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިކަން ހާމަކުރީ މިރޭ ނެރުނު ނޫސް ބަޔާނެއްގައެވެ.
އެ ބަޔާނުގައި ވަނީ އެ އޮޕަރޭޝަނުގައި ހައްޔަރުކުރި ހަތަރު މީހުންނަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާ ނެޓްވޯކެއްގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ މީހުން ކަމަށެވެ.
ފުލުހުން ބުނީ އެ ނެޓްވޯކްގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށް ހާއްސަ ތަހުގީގެއް ފަށާފައިވަނީ މިދިޔަ މާޗް މަހު ކަމަށެވެ.
އެގޮތުން އެ ނެޓްވޯކުން 2015 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތި ޓްރެފިކް ކުރަމުން ގެންދާކަން ފުލުހުންގެ ތަހުގީގަށް ހޯދިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ތަހުގީގުން ހާމަވިގޮތުގައި ފާއިތުވި ފަސް އަހަރު ތެރޭގައި މިނެޓްވޯކް މެންބަރުންގެ ބޭންކް އެކައުންޓުތަކުގައި 300 މިލިއަން އަށް ވުރެން ގިނަ ދިވެހި ރުފިޔާ އާއި 4 ލައްކަ އަށް ވުރެން ގިނަ އެމެރިކާ ޑޮލަރު ދައުރުކޮށްފައިވެއެވެ.
ފުލުހުން ބުނީ މި ނެޓްވޯކް އިސްވެ ހިންގާ ފަރާތާއި އަދި އޭނާގެ ދަށުން، މަސްތުވާތަކެތި ވިއްކާ ވިޔަފާރިކޮށް މަނީލޯންޑާ ކުރުމުގައި އެކި ގޮތްގޮތުން ހަރަކާތެރިވާ 19 ފަރާތެއް ތަހުގީގަށް ދެނެގަނެވިފައިވާ ކަމަށެވެ.
“މި ހުރިހާ ފަރާތްތަކުގެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ،” ފުލުހުންގެ ބަޔާނުގައިވެ އެވެ.
އެ މައްސަލާގައި މިހާތަނަށް ހައްޔަރުކޮށްފައި ވަނީ ޝެވޯނާ، ގއ.ވިލިނގިލި، ޝައްފާހު ލަތީފް (28އ) އާއި މިޔުޒިކީއާގެ، ގއ. ވިލިނގިލި، އަހްމަދު މަދީޙު (33އ) އާއި އައިޒަން، ގއ. ވިލިނގިލި، އަހްމަދު އަނާމް އިބްރާހީމް (30އ) ގެ އިތުރުން އަރާއިރުގެ، ގއ. ވިލިނގިލި، ނޫރުއްނިޒާމް (35އ) އެވެ.
ފުލުހުން ބުނީ އެ މީހުންގެ ތެރެއިން މަދީހުގެ ބޭންކު އެކައުންޓުތަކުގައި 17.1 މިލިއަން ރުފިޔާ ދައުރުކޮށްފައިވާ ކަމަށެވެ. ނަމަވެސް ފާއިތުވި ފަސް އަހަރު މުސާރައިގެ ގޮތުގައި އޭނާއަށް ލިބިފައި ވަނީ 430,638.99 ރުފިޔާ ކަމަށް ފުލުހުން ބުންޏެވެ.
އަނާމްގެ ބޭންކް އެކައުންޓުތަކުގައި 38.8 މިލިއަން ރުފިޔާ ދައުރުކޮށްފައިވާއިރު، ފާއިތުވި ފަސް އަހަރު މުސާރައިގެ ގޮތުގައި އޭނާއަށް ލިބިފައި ވަނީ 271،874.32 ރުފިޔާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މީގެއިތުރުން ޝައްފާހުގެ ބޭންކް އެކައުންޓުތަކުގައި ހަ މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވާއިރު، ފާއިތުވި ފަސް އަހަރު މުސާރައިގެ ގޮތުގައި އޭނާއަށް ލިބިފައި ވަނީ 371،635.36 ރުފިޔާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިހާތަނަށް 13 ފަރާތެއްގެ 53 ބޭންކު އެކައުންޓު ފްރީޒް ކުރެވިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ކިޔުންތެރިންގެ ހިޔާލު