ރައީސް ޑރ. މުޙައްމަދު މުއިއްޒު މާލޭގެ މޭޔަރުކަން ކުރެއްވި މުއްދަތުގައި ނުގަވައިދުން އެއްވެސް ބިމެއް ވިއްކައި ކުއްޔަށްދިނުން ފަދަ އަމަލެއް ހިންގާފައިނުވާ ކަމުގެ ޔަގީންކަން މާލޭގެ ޑެޕިއުޓީ މޭޔަރު މުޙައްމަދު އަރީޝް ދެއްވައިފިއެވެ.
އަރީޝް އެކްސްގައި މިއަދު ވިދާޅުވީ މާލޭގެ މޭޔަރުކަން ކުރެއްވި ދެ އަހަރާއި ހަ މަސް ދުވަހުގެ މުއްދަތުގައި ރައީސް މުއިއްޒު ވިދާޅުވީ މަސައްކަތްކުރެއްވީ މާލޭގެ ހާލަތު ރަނގަޅުކޮށް، ރައްޔިތުން އެދޭ ގޮތަށް ކަންކަން ގެންދިއުމަށް ޓަކައި ކަމަށެވެ.
“އެމަނިކުފާނުގެ މޭޔަރުކަމުގެ މުއްދަތަކީ މާލެ ސިޓީގެ މުނިސިޕަލް ޚިދުމަތްތައް ރަނގަޅުކޮށް، ސިޓީ ފެހިކޮށް، ސާފުތާހިރުކޮށް، ދީނީ އިޖުތިމާއީ ރޫހު ސިޓީގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި އާލާކޮށް، ރައްޔިތުންނާ ސީދާ ބައްދަލުކުރެއްވުން ގިނަކުރައްވައި، ކޮންމެ ހަފުތާއަކު ގޭގެއަށް ޒިޔާރަތް ކުރައްވާ ހާލުއަހުވާލު ބައްލަވާ، ސީދާ ރައްޔިތުން އެދޭގޮތަށް މާލެ ސިޓީގެ ކަންކަން މިސްރާބު ކުރެއްވި ދުވަސްތަކެއް،” އަރީޝް ލިޔުއްވާފައިވެއެވެ.
އަރީޝް ވިދާޅުވީ މާލޭގެ މޭޔަރު އާދަމް އާޒިމް ކެމްޕޭންގައި އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ދައްކަވަމުން އަންނަ ކަމަށެވެ.
ޑެޕިޔުޓީ މޭޔަރު ވިދާޅުވީ ކައުންސިލްތައް އޮނަނީ ސަރުކާރާ ގުޅިގެން ރައްޔިތުންގެ ލާބަޔާ މަންފާއަށް މަސައްކަތްކޮށްދޭން ކަމަށާއި އެ ނޫން ބޭނުމެއް ކައުންސިލްގެ ނޯންނާނެ ކަމަށެވެ.
މާލޭގެ އިންތިޚާބު ކާމިޔާބުކުރަން އެދޭ ނަމަ، ދައްކަންވީ މާލޭގެ ޚިދުމަތްތަކަށް ގެންނާނެ ހެޔޮ ބަދަލުތަކުގެ ވާހަކަކަމަށް ވެސް، އަރީޝް ވިދާޅުވިއެވެ.
“…ހިޔާވަހިކަމާއި ދިރިއުޅުމުގެ ފަސޭހަތަކަށް ކުރާ ޕްލޭންތަކުގެ ވާހަކަ، ރައްޔިތުންނާ ގާތުން، ޚިޔާލާއި މަޝްވަރާ ހޯދައިގެން ސިޓީގެ ކަންކަން ހިންގަން ރާވާ ގޮތުގެ ވާހަކަ،” އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު