ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ކަނޑައަޅާ މެންބަރުގެ މަގާމަށް އެ ކޯޓުގެ ފަނޑިޔާރު ހަސަން ޝަފީއު ހަމަޖައްސަން ނިންމައިފިއެވެ.
ޖޭއެސްސީއަށް، އިންތިހާބުކުރާ މެންބަރެއްގެ ގޮތުގައި ފަނޑިޔާރު ޝަފީއު އިންތިހާބު ކުރި ނަމަވެސް، ޖޭއެސްސީއަށް، ފަނޑިޔާރު ޝަފީއު އައްޔަން ކުރައްވާނީ ރައީސުލްޖުމްޖުމްހޫރިއްޔާއެވެ.
ޖޭއެސްސީގައި، ހައިކޯޓުގެ ފަނޑިޔާރެއްގެ ހައިސިއްޔަތުން ކުރިން ހުންނެވީ ފަނޑިޔާރު މުހައްމަދު ނިޔާޒެވެ. ނަމަވެސް އޭނާ މިހާރުވަނީ ފަނޑިޔާރުކަމުން ރިޓަޔާ ކުރައްވައިފައެވެ.
ފަނޑިޔާރު ޝަފީއުއަކީ މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަނުން ބެޗްލާ އޮފް ލޯ (އެލްއެލްބީ) ހާސލުކުރައްވާ، މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން މާސްޓާސް އޮފް ކޮމްޕަރޭޓިވް ލޯ ހާސިލުލުކުރައްވާފައިވާ ބޭފުޅެކެވެ.
ހައިކޯޓުގެ ފަނޑިޔާރުގެ މަގާމަށް ޝަފީއު އައްޔަން ކުރައްވާފައިވަނީ 2020 އޮކްޓޫބަރު 04 ވަނަ ދުވަހުގައެވެ. ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން، ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހުގައި އެއް އަހަރު ދުވަހު، ފަނޑިޔާރު ޝަފީއު ހިމެނިވަޑައިގެންނެވިއެވެ.
ފަނޑިޔާރު ޝަފީއު އެންމެ ފުރަތަމަ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ 27 އޮކްޓޫބަރު 2013 ގައެވެ. އެއީ ފެމިލީ ކޯޓުގެ ގާޒީގެ މަގާމަށެވެ.
ކިޔުންތެރިންގެ ހިޔާލު