ގިނަ ދުވަސްތަކަކަށްފަހު އަލުން ހުޅުވި ޝަންގްރިއްލާ ވިލިނގިލި ރިސޯޓު ހުޅުވުމަށްފަހު ބަންދުކުރި ކަމަށް ދެކެވޭ ވާހަކަތައް ޝަންގްރިއްލާ ގްރޫޕުން މިއަދު ދޮގުކޮށްފި އެވެ.
ކޮވިޑް-19ގެ ސަބަބުން، އެންމެ މަތީ ފަންތީގެ ފަތުރުވެރިންނަށް ޚާއްސަކޮށް ޚިދުމަތް ދެމުން ދިޔަ ޝަންގްރިއްލާ ރިސޯޓު އޭޕްރިލް 2020ގައި ބަންދުކުރުމަށްފަހު އަލުން ހުޅުވީ މިދިޔަ ޑިސެންބަރު މަހުގެ 30ވަނަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގަ އެވެ.
އެ ރިސޯޓް ބަންދުކުރި ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ޝަންގްރިއްލާ ގްރޫޕުގެ މެދުއިރުމައްޗާއި އިންޑިއާއާއި އެފްރިކާ ސަރަހައްދުގެ އެސިސްޓަންޓް ވައިސް ޕްރެޒިޑެންޓް، ރީޖަނަލް މާކެޓިން އެންޑް ކޮމިއުނިކޭޝަންސް ކެޓަރީނާ ޑިކްސޮން މިއަދު ވިދާޅުވީ، ޝަންގްރިއްލާ ރިސޯޓު ބަންދުނުކުރާ ކަމަށެވެ.
އޭނާ ވިދާޅުވީ ރިސޯޓު ހިންގަމުން އަންނަނީ މަދު ވިލާތަކަކުން ޚިދުމަތްދޭ ގޮތަށް ކަމަށާއި މަރާމާތުގެ ބައެއް މަސައްކަތްތައް ރިސޯޓުގައި އަދިވެސް ކުރިއަށްދާ ކަމަށެވެ.
31 ޖުލައި 2009 ވަނަ ދުވަހު ހުޅުވި އެ ރިސޯޓަށް ގަން އިންޓަނޭޝަނަލް އެއާޕޯޓުން ލޯންޗެއްގައި ފަސް މިނެޓުން ދެވެ އެވެ.
އެ ރިސޯޓް މިހާތަނަށް ބަންދުކޮށްފައި ވަނީ ކޮވިޑާ ގުޅިގެން ދުނިޔޭގެ އިގްތިޞާދަށް އައި ހީނަރުކަމާ ގުޅިގެންނެވެ.
ކިޔުންތެރިންގެ ހިޔާލު