ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ބޭގަމް ޚާލިދާ ޒިޔާގެ ޖަނާޒާގައި އެތައްހާސް ބަޔަކު ބައިވެރި ވެއްޖެއެވެ.
ޖަޒާނާގައި ބައިވެރިވުމަށް ޚާލިދާ ޒިޔާގެ ޕާޓީގެ އެތައްހާސް މެމްބަރުންގެ އިތުރުން، ބަންގްލަދޭޝްގެ އެކި ކަންކޮޅުތަކުން އެތައްހާސް އާންމުންނާއި، ސަރުކާރުގެ ވެރިން، ވެރިރަށް ޑާކާގެ މަނިކް މިއާ އެވެނިއުގައި ހުންނަ ނޭޝަނަލް ޕާލަމެންޓް އިމާރާތް ކައިރިއަށް އެއްވިއެވެ.
އަދި އަވަށްޓެރި ގައުމުތަކުގެ ޢިއްޒަތްތެރިންވެސް ޖަނާޒާގައި ވެރިރބައިވެރިވެވަޑައިގަތުމަށް ޑާކާއަށް ވަޑައިގެންފައި ވެއެވެ.
ޑާކާގައި ހުންނަ ނޭޝަނަލް ޕާލަމެންޓް ބިލްޑިންގުން ޚާލިދާ ޒިޔާގެ ސައްދޯއްޕުޅު، ކައިރީގައިވާ ޚާއްސަ މައިދާނަކަށް ގެންދެވުނީ ރަސްމީ ޢިއްޒަތުގައި ވެހިކަލް ގާފިލާއެއްގައެވެ.
މަގުތަކުގެ ތަރުތީބު ބެލެހެއްޓުމަށް ދިހަހާހަށްވުރެ ގިނަ ފުލުހުން ފޯރި މަރަމުންދިޔައެވެ.
އެ މައިދާނަކީ ޚާލިދާ ޒިޔާގެ ފިރިކަލުން ޒިޔާއުއް ރަހްމާންގެ މަގްބަރާވެސް ހުންނަ މައިދާނެވެ. ޚާލިދާ ޒިޔާ ފަސްދާނު ލެވުނީ އެ މަގްބަރާ ކައިރީގައެވެ.
ބަންގްލަދޭޝްގެ ރައީސްކަމުގައި ހުންނަވަނިކޮށް ޒިޔާއުއް ރަހްމާން އަވަހާރަ ކޮށްލެވުނީ 1981 ވަނަ އަހަރުއެވެ.
ޚާލިދާ ޒިޔާގެ ޖަނާޒާގައި، ބަންގްލަދޭޝްގެ ތާރީޚްގައިވެސް މީގެކުރިން ޖަނާޒާއެއްގައި ބައިވެރި ނުވާ މިންވަރަށް ރެކޯޑް އަދަދަކަށް މީހުން ބައިވެރިވިކަން ބަންގްލަދޭޝްގެ މީޑިއާއިން ބުނެއެވެ.

ޚާލިދާ ޒިޔާއަކީ ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރެވެ. އެކަމަނާ ބޮޑުވަޒީރުކަމަށް ވަޑައިގެންފައިވަނީ 1991 ވަނަ އަހަރުއެވެ.
ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު އެކަމަނާ އަވަހާރަވެފައިވަނީ އިއްޔެގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 79 އަހަރެވެ.
ޚާލިދާ ޒިޔާ އަވަހާރަވުމާ ގުޅިގެން ބަންގްލަދޭޝްގައި ވަނީ ގައުމީ ހިތާމައިގެ ތިންދުވަސް އިއުލާން ކޮށްފައެވެ.
ޚާލިދާ ޒިޔާ އަވަހާރަވުމާ ގުޅިގެން ދުނިޔޭގެ ލީޑަރުން ތައުޒިޔާ ފޮނުއްވަމުން އެބަ ގެންދަވައެވެ.
ޚާލިދާ ޒިޔާގެ ފިރިހެން ދަރިކަލުން އަދި ބަންގްލަދޭޝްގެ އިދިކޮޅު ލީޑަރެއް ކަމަށްވާ ތާރިގް ރަހްމާން، 17 އަހަރު ވަންދެން ގައުމުން ބޭރުގައި ހުންނެވުމަށްފަހު އެނބުރި ގައުމަށް ވަޑައިގެންފައިވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުއެވެ.
ކިޔުންތެރިންގެ ހިޔާލު