މި ސަރުކާރުން ވެރިކަމަށް އައިފަހުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 110 ކުދިން އާއިލާތަކާ ހަވާލުކޮށްފިއެވެ.
މިކަން ހާމަކުރެއްވީ ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޑރ. އައިޝަތު ޝިހާމެވެ.
މިނިސްޓަރު ވިދާޅުވީ އަމިއްލައަށް އެދިގެން ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިން ފޮސްޓާ ކުރާ އާއިލާތައް އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވެފައިވާ ކަމަށެވެ. މިނިސްޓްރީން މި އާއިލާތައް މޮނީޓާކުރާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. އަދި އެ އާއިލާތަކުން ކުދިންނާ ދޭތެރޭ އާދަޔާޚިލާފަށް ހެޔޮކޮށް ކަމޭހިތާކަން ފާހަގަވިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން، މިނިސްޓްރީގެ ހިޔާވެހިކަމުގައި ދިރިއުޅޭ 110 ކުދިން އެކި އާއިލާތަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ބައެއް ކުދިން، އެކުދިންގެ އުފަން އާއިލާތަކާ ހަވާލުކޮށްފައިވާއިރު ދެން ތިބި ކުދިން އާ އާއިލާތަކާ ހަވާލުކޮށްފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
“ކޮންމެ ކުއްޖަކަށް އާއިލާއެއް، ޕްރޮޖެކްޓުގެ ދަށުން 2023 ވަނަ އަހަރުގެ ނޮވެމްބަރުން ފެށިގެން މިހާ ހިސާބަށް 110 ކުދިން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އަނބުރާ އެކުދިންގެ އާއިލާތަކަށް، އެހެންނޫނިއްޔާ އާ އާއިލާތަކަށް ހަވާލުކުރެވިގެން ވަރަށް ރަނގަޅަށް އެބައި ހިނގާ،” ޑރ. އައިޝަތު ޝިހާމް ވިދާޅުވިއެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް، އާންމު ދިރިއުޅުމަށް އަދި މަސައްކަތުގެ މާހައުލަށް ބޭނުންތެރި ހުނަރުތައް ދަސްކޮށްދިނުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރިކަން މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން، މިއަހަރު ތެރޭގައި 23 ކުދިންނަށް އިންޓާންޝިޕް ޕްރޮގްރާމް ހިންގާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި 40 ވަރަކަށް ކުދިންނަށް ލައިފް ސްކިލްސް ތަމްރީންތައް ދީފައިވާކަން ފާހަގަކުރެއްވިއެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބީ ޖުމްލަ 156 ކުދިންނެވެ. އެއީ 85 ފިރިހެން ކުދިންނާއި 71 ކުދިންނެވެ.
ކިޔުންތެރިންގެ ހިޔާލު