ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފަންސަވީސްވަނަ ގައުމީ ކެޑޭޓް ކޭމްޕް އިފުތިތާހުކޮށްފި

ފަންސަވީސްވަނަ ގައުމީ ކެޑޭޓް ކޭމްޕް، ގިރިފުށީ ޓްރެއިނިން ސެންޓަރުގައި އިފުތިތާހުކޮށްފިއެވެ.
މި ކޭމްޕް އިފުތިތާހުކުރުމުގެ ގޮތުން ގިރިފުށީ ޓްރެއިނިން ސެންޓަރުގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފްގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީޒް އަދި މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯރގެ ކޮމާންޑިންގ އޮފިސަރު، ބްރިގޭޑިއަރ ޖެނެރަލް އަބްދުﷲ އިބްރާހީމެވެ.
ރަސްމިއްޔާތުގައި މަރުހަބާއާއި ޝުކުރު ދެންނެވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ ކޭމްޕްގެ ކޮމާންޑަރ، ކެޕްޓަން މުހައްމަދު މުސްތަފާއެވެ. އަދި، ވައުދު ލައިދެއްވީ ކެޑޭޓް ކޭމްޕްގެ ޗީފް އިންސްޓްރަކްޓަރ، ފަސްޓް ލެފްޓިނެންޓް އަޙްމަދު މަޢުމޫރެވެ. މީގެ އިތުރުން، ދަރިވަރުންނަށް އިގުރާރު ލައިދެއްވީ ކޭމްޕްގެ ސީނިއާ އެންލިސްޓެޑް ލީޑާ، ފަސްޓް ސާޖަންޓް އަހްމަދު އަބޫބަކުރެވެ.
2025 ޑިސެންބަރު 27އިން ފެށިގެން 2026 ޖަނަވަރީ 8ވަނަ ދުވަހުގެ ނިޔަލަށް ގިރިފުށީ ޓްރެއިނިން ސެންޓަރުގައި ކުރިއަށްގެންދަން ހަމަޖެހިފައިވާ މި ކޭމްޕުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 120 ކެޑޭޓުން ބައިވެރިވެއެވެ. އޭގެތެރޭގައި ހިމެނެނީ 90 ފިރިހެން ކެޑޭޓުންނާއި 30 އަންހެން ކެޑޭޓުންނެވެ.
މި ކޭމްޕުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ބައިތަކުގެ ތެރޭގައި، ފިޒިކަލް ޓްރެއިނިންގ، ވޯޓަރމަންޝިޕް، ޑްރިލް، ވެޕަން ޓްރެއިނިންގ އެންޑް ޝޫޓްސް، ބޭސިކް ފީލްޑް ކްރާފްޓް، ކޮމްބެޓިވްސް، ލީޑާޝިޕް، ބޭސިކް ފަޔާފައިޓިންގ، މެރިޓައިމް ސްޓަޑީޒް، ބޭސިކް ފީލްޑް ފަސްޓްއެއިޑް، އަދި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓުގެ ބައިތައް ހިމެނެއެވެ.
މި ކޭމްޕަކީ، އެމްއެންޑީއެފްގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީޒްއިން ރާވާ އިންތިޒާމުކޮށްގެން، ދިވެހިރާއްޖޭގެ ގައުމީ ކެޑޭޓް ކޯގައި ހިމެނޭ ސްކޫލް ކެޑޭޓް ކޯތަކުން ހޮވާލެވޭ ކެޑޭޓުންނާއި ބޭންޑް ކެޑޭޓުންނަށް ހިންގޭ ކޭމްޕެކެވެ. މި ކޭމްޕްގައި ކިޔަވައިދެއްވަނީ ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ މުދައްރިބުންނެވެ.
ކެޑޭޓް ކޭމްޕްގެ މަގުސަދަކީ، މި ކޭމްޕްގައި ބައިވެރިވާ ކޮންމެ ކެޑޭޓަކީ ވެސް މުޖުތަމައަށް ފައިދާހުރި އަދި ދިމާވާ އެކިއެކި ހާދިސާތަކުގައި ރޭވުންތެރިކަމާ އެކު އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާބިލުކަން ހުރި ޒިންމާދާރު ރައްޔިތަކަށް ހެދުމާއި، ކޭމްޕްގައި ބައިވެރިވާ ކެޑޭޓުންނަކީ ހަރުދަނާ އަހުލާގާއި ރިވެތި ސުލޫކެއްގެވެރި ބަޔެއްގެ ގޮތުގައި ބިނާކޮށް، ކެޑޭޓުންގެ މެދުގައި ދީނީ އަދި ގައުމީ ރޫހް އާލާކޮށް ދިރުވުމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކެޑޭޓް އެކްސްޗޭންޖް ޕްރޮގްރާމުގެ ކެޑޭޓުންނާ ޗީފް އޮފް ޑިފެންސް ފޯސް ބައްދަލުކުރައްވައިފި