ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުއްދަނެތި އިފުރުގައި ސީޕްލޭން ޕްލެޓްފޯމެއް އެޅުމުގެ މަސައްކަތް ކުރުމުން ޖޫރިމަނާކޮށްފި

އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީގެ ހުއްދަނެތި ރ. އިފުރުގައި ސީޕްލޭން ޕްލެޓްފޯމެއް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުން މަންތާ އެއާވޭސް 20،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

އީއާރްއޭއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު 2012 އާއި ހިލާފަށް، އެ ގަވާއިދުގެ 20 ވަނަ މާއްދާގައި ޖަދުވަލު (ރ)، (ޔ) އަދި (ޓ) ގައި ނުހިމެނޭ މަޝްރޫއުތަކުގެ ތެރެއިން ތިމާވެއްޓަށް ފާހަގަކުރެވޭ ބަދަލެއް ނުވަތަ ނޭދެވޭ އަސަރެއްކޮށްފާނެ މަޝްރޫއުތައް، އެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެއްޓުމުގެ ކުރިން މި ގަވާއިދުގެ އަށް ވަނަ މާއްދާގެ ދަށުން ސްކްރީންކޮށް، އެ އޮތޯރިޓީގެ ހުއްދަ ހޯދަންޖެހޭނެކަމަށް ބަޔާންކޮށްފައިވާނެ ކަމަށެވެ.

ނަމަވެސް އެ މަރުޙަލާތައް ފުރިހަމަ ކުރުމަކާނުލައި އިފުރުގައި ސީޕްލޭން ޕްލެޓްފޯމެއް އެޅުމުގެ މަޝްރޫއުގެ މަސައްކަތްތައް މާންތާ އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑުން ކުރިއަށް ގެންގޮސްފައިވާ ކަމަށް އީއާރްއޭ ވިދާޅުވިއެވެ.

އެހެންކަމުން އެ މައްސަލަ އެ އޮތޯރިޓީން ބެލުމަށްފަހު، 20،000.00ރ. އިން މާންތާ އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑު ވަނީ މި މަހުގެ 21 ވަނަ ދުވަހު ޖޫރިމަނާ ކޮށްފައި ކަމަށް ވިދާޅުވިއެވެ.

އެ ޖޫރިމަނާ މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި ސަރުކާރުގެ އިދާރާތަކަށް ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ ބަނޑޭރި ޕޭ މެދުވެރިކޮށް އެ އޮތޯރިޓީއަށް ދެއްކުމަށާއި، މާންތާއިން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ މަސައްކަތްތައް ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާބެހޭ ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން، އެ ގަވާއިދުގައި ބަޔާންކޮށްފައިވާ މަރުހަލާތައް ފުރިހަމަ ކުރުމަށްފަހު ކުރިޔަށް ގެންދެވުމަށް ނަސޭހަތްތެރިވެފައިވާނެ ކަމަށް ވެސް އީއާރްއޭއިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު