ކަނޑުތަކާއި ތިމާވެށި އަދި މޫސުމީ ބަދަލުތަކާ ގުޅޭ ދިރާސާތައް ކުރިއެރުވުމަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި ޑްރިފްޓްވުޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މިއަދު އެމްއެންޔޫ އޮޑިޓޯރިއަމްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމް އެވެ. ޑްރިފްޓްވުޑް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަސަދު އަލީ އެވެ.
މި އެއްބަސްވުން އެކުލަވާލުމުގެ މައިގަނޑު މަޤްސަދަކީ ދިރާސާކުރުމުގެ ގާބިލުކަން އިތުރުކުރުމާއި، ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދިނުމެވެ. މި ފަހުމުނާމާގެ ދަށުން އެމްއެންޔޫގެ މާސްޓާސް އަދި ޕީއެޗްޑީ ދަރިވަރުންނަށް ރިސޯޓްތަކުގައި ގާއިމުކޮށްފައިވާ ދިރާސާކުރާ މަރުކަޒުތަކާއި، އެކަމަށް ބޭނުންވާ ޒަމާނީ އާލާތްތައް ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެ ޔުނިވަރސިޓީން މައުލޫމާތުދެއެވެ.
އެމްއެންޔޫއިން ފާހަގަކުރި ގޮތުގައި، މިއީ ރާއްޖޭގެ ތައުލީމީ ދާއިރާ އާއި ފަތުރުވެރިކަމުގެ ސިނާއަތާ ދެމެދު އޮންނަ ގުޅުން ވަރުގަދަކޮށް، ސައިންޓިފިކް ދިރާސާތަކަށް މަގުފަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. ރާއްޖެ ފަދަ މޫސުމީ ބަދަލުތަކުގެ ނުރައްކާ އޮތް ގައުމެއްގައި ތަފާސްހިސާބުތަކުގެ މައްޗަށް ބިނާވެފައިވާ ސައިންޓިފިކް ދިރާސާތައް ކުރުމަށް މި އެއްބަސްވުމުގެ ސަބަބުން ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.
މީގެ އިތުރުން، މި އެއްބަސްވުމުގެ ދަށުން ކުރެވޭ ދިރާސާތަކުގެ އަލީގައި އެއްކުރެވޭ ސައިންޓިފިކް މައުލޫމާތުތަކަކީ މޫސުމީ ވިލުންތެރި ޤައުމެއް ބިނާކުރުމަށް އެހީތެރިވެދޭނެ މުހިންމު މައުލޫމާތުތަކެއް ކަމަށްވެސް އެމްއެންޔޫއިން ބުންޏެވެ.
މި އެއްބަސްވުމުގެ ދަށުން، ހަޔަޓް ބްރޭންޑްގެ ދަށުން ހިންގާ ރިސޯޓްތަކުގައި ދަރިވަރުންނަށް ދިރާސާކުރުމުގެ ފުރުސަތުތަކާއި ޕްރޮފެޝަނަލް ލެބޯޓްރީތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
އެމްއެންޔޫއިން މިހާރުވެސް މޯލްޑިވްސް ރެސިލިއަންޓް ރީފްސް، ރީފް ސްކޭޕާސް އަދި އޮލިވް ރިޑްލީ ޕްރޮޖެކްޓް ފަދަ ޖަމިއްޔާތަކާއެކު އަންނަނީ މަސައްކަތް ކުރަމުންނެވެ. މިފަދަ ގުޅުންތަކުގެ ސަބަބުން ކަނޑުގެ ދިރުންތަކާއި ފަރުތަކުގެ ނިޒާމާ ގުޅޭ ފުން ދިރާސާތަކުގައި އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު ދަރިވަރުންނަށް ފަހިވެގެންދެއެވެ.
ކިޔުންތެރިންގެ ހިޔާލު