ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ އޮފިޝަލުން ހޯދުމަށް ހުޅުވާލާފައިވާ މުއްދަތު އިތުރުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ މުއްދަތު އިތުރުކޮށްފައި ވަނީ މާރިޗު 22 ވާ އާދީއްތަ ދުވަހުގެ 15:00 އަށް ކަމަށެވެ.
މިމުއްދަތު އިތުރުކޮށްފައިވަނީ، އަންނަ އަހަރުގެ އެޕްރީލް 4 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވުމަށް 7000 އަށް ވުރެ ގިނަ އޮފިޝަލުން ބޭނުންވާ އިރު، ކޮމިޝަނަށް ލިބިފައިވަނީ 5000 އެޕްލިކޭޝަންކަމުގައި ވާތީ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ. ވޯޓުލާ މަރުކަޒުގެ ގޮތުގައި ހަރަކާތްތެރިވާ އޮފިޝަލުންގެ ގޮތުގައި މާލެ، ހުޅުމާލެ އަދި އަތޮޅުތެރޭގައި ބަހައްޓާ ވޯޓުފޮށިތައް ކައިރީގައި ހަރަކާތްތެރިވާނެ އޮފިޝަލުން އަދި ވެސް އިތުރަށް ބޭނުންވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
ވޯޓުލާ މަރުކަޒުތަކުގެ އޮފިޝަލުންގެ ގޮތުގައި ޙަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ވީ އެންމެ އަވަހަށް https://my.elections.gov.mv ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުއްވުމަށް އެ ކޮމިޝަނުން ވަނީ އެދިފައެވެ. އެގޮތުން ވެރިފައިޑް އީ-ފާސް އެކައުންޓެއް މެދުވެރިކޮށް ޕޯޓަލްއަށް ލޮގިންވުމަށްފަހު، އީ-ފާސްގެ މަޢުލޫމާތު ޕޯޓަލްއަށް ދިނުމަށް ހުއްދަ ދޭންވާނެއެވެ. އަދި ޕޯޓަލްއަށް ލިޔެކިއުންތައް ހުށަހެޅުމަށް ބޭނުންކުރެވޭނީ ހަމައެކަނި ޕީޑީއެފް ފައިލްއެވެ. ހުށަހަޅާ ފަރާތްތަކަށް، ފޯމުގެ ސްޓޭޓަސް ޕޯޓަލްއިން ޗެކްކުރެވޭނެއެވެ.
އޮފިޝަލަކަށްވުމަށް އެދި ޕޯޓަލް މެދުވެރިކޮށް ހުށަހަޅާއިރު ހާސިލްކޮށްފައިވާ އެންމެ މަތީ ތަޢުލީމީ ސެޓްފިކެޓުގެ ކޮޕީ، ވަނަވަރު އަދި ވަޒީފާގައި އުޅޭނަމަ އެކަން އަންގައިދޭ ލިޔުން ހުށަހެޅުމަށް ސަމާލުކަންދިނުމަށް އެ ކޮމިޝަނުން އިލްތިމާސްކުރިއެވެ.
މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި، ޢުމުރުން 18 އަހަރުވެފައިވާ މީހެއްކަމުގައިވުމާއި، އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް މަގާމެއް އަދާކުރަމުންދާ ފަރާތެއް ކަމުގައި ނުވުމާއި، އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭން ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ. އަދި އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓެއްގެ ޢާއިލީ މެންބަރެއް ކަމުގައި ނުވުމާއި ކެންޑިޑޭޓެއްގެ މަންދޫބެއް، އޮބްޒާވަރެއް ނުވަތަ މޮނިޓަރެއްގެ ގޮތުގައި ކުރިމަތިލައި ފައިވާ މީހަކު ކަމުގައި ނުވުމާއި ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ.
އޮފިޝަލުންގެ ތެރެއިން ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސާ އޮފިޝަލަކަށް 2900 ރުފިޔާ ދޭއިރު، ވެރިޔާގެ އެހީތެރިއަކަށް ހަމަޖައްސާ އޮފިޝަލަކަށް 2600 ރުފިޔާ ލިބޭނެއެވެ. އަދި ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާ އެހެން އޮފިޝަލުންނަށް 2300 ރުފިޔާ ދޭއިރު، ގުނާ އޮފިޝަލަކަށް ހަރަކާތްތެރިވާ ފަރާތަކަށް 1800 ރުފިޔާ ލިބޭނެއެވެ. އަދި ރިޒާވް އޮފިޝަލުންނަށް 1000 ރުފިޔާ އެލަވަންސެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، މަސައްކަތްކުރާ ގަޑިތަކަށްބަލާ ކެއުމާއި ސައިގެ އެލަވަންސް އަދި އިތުރުގަޑީގައި ފައިސާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ހިޔާލު