ވިލިމާލޭގައި ތަރައްގީކުރާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް އެޅުމަށް ބޭނުންވާ ސާވޭއާއި ޑިޒައިން ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މިކަމާ ގުޅޭގޮތުން، ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ ޗައިނާ ނޯތުއީސްޓް އާކިޓެކްޗަރަލް ޑިޒައިން އެންޑް ރިސާޗް އިންސްޓިޓިއުޓް ކޯ ލިމިޓެޑުގެ ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓަންޓް ޓީމް ރާއްޖެ އައިސްފައިވާކަމަށެވެ.
އެ މިނިސްޓްރީން ބުނީ މި ޓީމު ރާއްޖެ އައިސްފައިވަނީ ވިލިމާލޭގައި އިމާރާތްކުރާ ޓާޝަރީ ހޮސްޕިޓަލް އެޅުމަށް ބޭނުންވާ ސާވޭ ހެދުމާއި ހޮސްޕިޓަލްގެ ޑިޒައިންގެ މަސައްކަތް ކުރުމަށްކަމަށެވެ. އެގޮތުން ސާވޭކުރުމާއި ޑިޒައިންކުރުމުގެ މަސައްކަތް ފެށިފައިވާއިރު އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް މި ޓީމުން މުހިންމު ސްޓޭކްހޯލްޑަރުންނާ ގުޅިގެން މަސައްކަތް ކުރަމުންދާނެކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެ ހޮސްޕިޓަލު ތަރައްގީކުރުމަށް މިހާރު ހުރި ހޮސްޕިޓަލު ތަޅާލައި އެތަނުގެ އަމަލީ މަސައްކަތް ފެށުމަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ.
ޗައިނާ ސަރުކާރުގެ އެހީއާއެކު ވިލިމާލޭގައި ތަރައްޤީކުރާ ހޮސްޕިޓަލުގައި ދެ އިމާރާތެއް ހުންނާނެއެވެ. އަދި އައުޓް ޕޭޝަންޓް، އިންޕޭޝަންޓް، އިމަޖެންސީ، ޑައިގްނޯސްޓިކް، އައިސީޔޫ އަދި ހީމޯޑައިލިސިސްގެ ފަރުވާ ދިނުމަށް ޚާއްސަ އެނދުތަކެއްވެސް ހުންނާނެއެވެ.
ކިޔުންތެރިންގެ ހިޔާލު