ސައްހަނޫން ޑޮލަރުން ވިޔަފާރިކޮށްފައިވާ މައްސަލައެއްގެ ތުހުމަތުގައި މީހަކު ހޯދަން ފުލުހުން ވީޑިއޯ އާންމުކޮށްފިއެވެ.
ފުލުހުން ބުނީ އާންމުކޮށްފައިވާ ވީޑިއޯ އިން ފެންނަ މީހާއަކީ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ، ސައްހަނޫން ޔޫއެސް ޑޮލަރުން މުއާމަލާތްކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ހޯދަންބޭނުންވެ، އެމީހާއަކީ ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހެއް ކަމަށެވެ.
އެ ވީޑިއޯއިން ފެންނަނީ ޓޭކްއަވޭ ތަނަކުން އޭނާ ވިޔަފާރިކުރާ މަންޒަރެވެ.
ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމަޢުލޫމާތެއް އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9790048 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322112 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
މިފަދަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު