ބޭންކް އޮފް މޯލްޑިވްސްއިން ހުޅުމާލެ ފޭސް 2 ގައި އަލަށް ދެ އޭޓީއެމް ސެންޓަރ ގާއިމުކޮށް، ބޭންކުގެ އޭޓީއެމް ވިއުގަ އިތުރަށް ފުޅާކޮށްފިއެވެ. މިއާއެކު ހުޅުމާލެ ފޭސް 2 ގައި ދިރިއުޅޭ ފަރާތްތަކަށް ދިވެހި ރުފިޔާއާއި ޑޮލަރުގެ މުއާމަލާތްކުރުމަށް ލުއިފަސޭހަކަން ލިބޭނެއެވެ. ބޭންކިންގ ޚިދުމަތްތަކަށް ވާސިލުވެވޭނެއެވެ.
ފޭސް 2 ގައި ބޭންކުގެ ޚިދުމަތް ފުޅާކުރުމަށް ހިޔާ ޓަވަރުގެ 6 އާ ޖެހިގެން އޮންނަ ބިމުގައި ރުފިޔާ އޭޓީއެމް ސެންޓަރެއް ގާއިމުކޮށް އެކު ހިޔާ ގައި (ސްޓެލްކޯ ފްލެޓްތައް ކުރިމަތީގައި) ރުފިޔާ އަދި ޑޮލަރު އޭޓީއެމް ސެންޓަރެއް ވަނީ ގާއިމުކޮށްފައެވެ.
މި ޚިދުމަތްތައް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު އާއި ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފާއި ބީއެމްއެލްގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ބީއެމްއެލްގެ ސީއީއޯ އެންޑް މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، އެ ބޭންކުން އަބަދުވެސް މި މަސައްކަތް ކުރަނީ ރާއްޖޭގެ ހުރިހާ މުޖުތަމައުތަކަށް ވީހާވެސް ފަސޭހައިން މާލީ ޚިދުމަތްތަކަށް ވާސިލުވެވޭނެ ގޮތް ހަމަޖެއްސުމަށް ކަމަށެވެ.

“ހުޅުމާލެ ފޭސް 2 އަކީ ކުރިއަރަމުން އަންނަ ސަރަހައްދެއް. މި އޭޓީއެމް ސެންޓަރުތަކުން ރަމްޒުކޮށްދެނީ ފަރުދުންނާއި ވިޔަފާރިތަކުގެ ބޭނުންތައް ފުރިހަމަކޮށްދިނުމަށް ފަސޭހަ އަދި އިތުބާރުހިފޭ ޚިދުމަތެއް ފޯރުކޮށްދިނުމަށް މި ބޭންކުން ދޭ އަހުމިއްޔަތުކަން.” ޝަރީފް ވިދާޅުވިއެވެ.
ފޭސް 2 ގައި ގާއިމުކުރެވުނު އާ އޭޓީއެމް ސެންޓަރުތަކުގެ އިތުރުން، ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ ފޭސް 1 ގައި ގާއިމުކޮށްފައިވާ ބޭންކުގެ ބްރާންޗާއި 4 ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ސެންޓަރުތަކުންނާއި ފޭސް 2 ގައި ގާއިމްކޮށްފައިވާ ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ މެދުވެރިކޮށް މިހާރުވެސް ހުޅުމާލޭގައި ފުރިހަމަ ބޭންކިންގ ޚިދުމަތެއް ފޯރުކޮށްދެމުންނެވެ. އަދި މީގެ އިތުރުން ބޭންކުން އަންނަނީ ހުޅުމާލޭ ފޭސް 1 ގައި ހުންނަ ރެނާޓަސް އިތާ މުއި އިމާރާތުގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ދެމުންނެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 267 އޭޓީއެމްގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގާއިމުކޮށްފައިވާ ސެލްފް ސަރވިސް ބޭންކިންގ ސެންޓަރުތަކާއި އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ކިޔުންތެރިންގެ ހިޔާލު