ދޯންޏެއް އަޑިއަށް ދިއުމުގެ ސަބަބުން ކަނޑުވި މީހަކު ސަލާމަތްކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ މިއަދު 11:50 އެހާކަންހާއިރު ށ. ފުނަދޫއިން، އެ އަތޮޅު ފީވަކަށް ދަތުރުކުރަމުންދިޔަ ދޯންޏެއް އަޑިއަށްދާކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ.
އެ މައުލޫމާތު ލިބުމާއެކު ފުލުހުންގެ ލޯންޗު އެ ސަރަހައްދަށް ގޮސް ބަލަމުންދަނިކޮށް ދޯނިން ދަތުރުކުރި މީހާ ފީވަށް ކައިރި ކަނޑުތެރެއިން ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެއީ 68 އަހަރުގެ ފިރިހެނެކެވެ.
ދޯނިން ދަތުރުކުރަމުން ދިޔައީ އެ މީހާ އެކަންޏެވެ. އެ މީހާގެ ހާލު ރަނގަޅުކަމަށް ފުލުހުން ބުންޏެވެ.
ދޯނި އަޑިއަށްދިޔަ ސަރަހައްދުން ދޯނީގެ ބައެއް ތަކެތި އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ މީހުން އެކަމަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު