އައްޑޫ ހައި ސްކޫލުގެ ގްރޭޑް 12 ގައި ކިޔަވަމުން އަންނަ ފިރިހެން ދަރިވަރަކާއި ބިދޭސީ ޓީޗަރަކާ ދެމެދު ހިނގި މާރާމާރީ އަކާ ގުޅިގެން ދަރިވަރު ވެސް ސަސްޕެންޑުކޮށްފިއެވެ.
ބުދަ ދުވަހުގެ މެންދުރު ހިނގި މި މާރާމާރީއާ ގުޅިގެން އެ ޓީޗަރު ވެސް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ސަސްޕެންޑުކޮށްފައެވެ.
މި ހަމަ ނުޖެހުމުގެ މަންޒަރުތައް ފެންނަ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އެ ވީޑިއޯ އިން ފެންނަނީ ކުލާސްރޫމެއްގައި ދަރިވަރަކާއި ބިދޭސީ ޓީޗަރަކާ ދެމެދު ހަމަނުޖެހުން ހިންގާ މަންޒަރެވެ. ފިރިހެން ދަރިވަރަކު ބިންމަތީ ވެއްޓި އޮއްވައި، ބިދޭސީ ޓީޗަރު އޮޅުލައިގަންނަ މަންޒަރާއި ދަރިވަރު ޓީޗަރުގެ ގައިގައި އެކިފަހަރުމަތިން ޖަހާ މާރާމާރީ ހިންގާތަން ވެސް ފެނެއެވެ.
އެއަށްފަހު، ބިންމަތިން ތެދުވެ، ދަރިވަރު ޓީޗަރުގެ ކޮނޑުގައި ޖަހަން މަސައްކަތްކުރުމުން ޓީޗަރު ދަރިވަރު ދުރަށް ޖައްސަން އުޅުނު މަންޒަރު ވެސް އެ ވީޑިއޯއިން ފެނެއެވެ. އޭގެ ފަހުން ފިރިހެން ދަރިވަރު ޓީޗަރުގެ ގައިގައި ޖެހުމާއެކު، ރައްދުގައި ޓީޗަރު ކުއްޖާ ގައިގައި ބާރަށް އަތްލައެވެ. އަދި ދަރިވަރު ވެސް ފަހުން އަތްލައެވެ.
އެ ވީޑިއޯގެ އިތުރުން އެ ދަރިވަރު އެހެން ބިދޭސީ ޓީޗަރަކަށް އުނދަގޫކުރާ ތަން ފެންނަ ވީޑިއޯތަކެއް ވެސް ވަނީ އާންމުވެފައެވެ.
އެނގިފައިވާ ގޮތުގައި ގްރޭޑް 12 އަށް ކިޔަވަން ފެށި އެ ދަރިވަރު މިހާރުވަނީ ސަސްޕެންޑުކޮށްފައެވެ. ސަސްޕެންޝަން އުވައިލާނީ އަހްލާގީ ޕްރޮގްރާމެއް ފުރިހަމަކުރުމުން ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
އެނގިފައިވާ ގޮތުގައި އެ ދަރިވަރަކީ ގްރޭޑް ނުވައަކުން ފެށިގެން އަޚްލާގީ އެކި މައްސަލަތަކުގައި ޑިސިޕްލިން ރެކޯޑު ވެސް އޮތް ދަރިވަރެކެވެ. އަދި އެ ދަރިވަރުގެ ފަރާތުން ބިދޭސީ ޓީޗަރަށް، ބުލީކުރުމާއި ޖެއްސުންކުރުމުގެ އަމަލުތައް މީގެ ދެ ހަފުތާއެއްހައި ދުވަސްކުރިން ފެށިގެން ލިބެމުން އަންނަކަމަށް ވަނީ އެނގިފައެވެ.
ކިޔުންތެރިންގެ ހިޔާލު