ސްޕެޝަލް އިކޮނޮމިކް ޒޯން، އެސްއީޒެޑްގެ ދަށުން ރާއްޖޭގައި ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓެއް ހިންގުމުގެ ހުއްދަ ދީފިއެވެ.
އެސްއީޒެޑް ޤާނޫނެއް ފުރަތަމަ ފަހަރަށް އެކުލަވާލާ ޢަމަލުކުރަން ފެށީ 2014 ވަނަ އަހަރުއެވެ.
އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު، ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެސްއީޒެޑް ޤާނޫނަށް ގެނައި ބަދަލުތަކާއެކު، ސަސްޓެއިނަބަލް ޓައުންޝިޕް މަޝްރޫޢަށް ރާއްޖެއިން މިހާރު ހުއްދަދީފައިވާކަމަށެވެ. މިކަމުންވެސް ދެމެހެއްޓެނިވި ތަރައްޤީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ޚާއްސަ ސިޔާސަތު ރަމްޒުކޮށްދޭކަމަށް ވަޒީރު ވިދާޅުވިއެވެ.
އެސްއީޒެޑްގެ ދަށުން މަޝްރޫއުތައް ހިންގުމުގެ ހުއްދަ ދޫކުރަނީ ބޯޑް އޮފް އިންވެސްޓްމަންޓުންނެވެ. އެ ބޯޑުން ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓެއް ހިންގުމުގެ ހުއްދަ ދީފައިވަނީ ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށެވެ.
އިޤްތިޞާދީ ތަރައްގީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ހުއްދަ ދީފައިވަނީ، ރާއްޖޭގައި ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކެއް ކުރިއަށްގެންދިއުމަށްކަމަށެވެ.
މި މަޝްރޫޢުތަކުގެދަށުން، ދުނިޔޭގެ ފެންވަރުގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނާއި، ތަޢުލީމީ ޚިދުމަތްފޯރުކޮށްދޭ މަރުކަޒުތައް ތަރައްޤީކުރާނެއެވެ. އަދި މީގެދަށުން ތަރައްގީކުރެވޭ ތަންތަނުގައި މަދުވެގެން %60 އިއާދަކުރަނިވި ހަކަތަ ބޭނުންކުރާނެ ކަމަށްވެސް އިޤްތިޞާދީ ތަރައްގީއާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ މި މަޝްރޫޢު ޙަވާލުކޮށްފައިވަނީ 2028ގެ ކުރިން އޮޕަރޭޝަނަށް ގެނައުމަށެވެ. މި މަޝްރޫޢަށް 790 މިލިޔަން ޑޮލަރުގެ އިންވެސްޓްމެންޓެއް ކުރާނެއެވެ.
އެސްއީޒެޑްގެ ދަށުން ރާއްޖޭގައި ސަސްޓެއިނަބަލް ޓައުންޝިޕް މަޝްރޫޢަށް ލައިންސަސް ދޫކުރަން ފެށުމާއެކު، ފަތުރުވެރިކަމަށް ރާއްޖޭގެ އިޤްތިޞާދު ބާރޯސާވެފައިވާ މިންވަރު ކުޑަކުރެވޭނެކަމަށް އިޤްތިސާދީ ތަރައްޤީއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު މީގެކުރިން ވަނީ ވިދާޅުވެފައެވެ.
ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓެއް ހިންގުމުގެ ހުއްދަދޭނީ، މަދުވެގެން 500 މިލިޔަން ޑޮލަރުގެ އިންވެސްޓްމެންޓްތަކަށެވެ.
ކިޔުންތެރިންގެ ހިޔާލު