ފުޓްބޯޅަ ތަރި އަލީ އަޝްފާގުގެ މައްޗަށް ސާބިތުވާކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވާ 1،451،225.33 މިލިއަން ރުފިޔާގެ ދަރަނީގެ ތެރެއިން ބާކީ ނުދައްކައި އޮތް 451،225.33 ރުފިޔާ، ހަމަސް ދުވަހުގެ ތެރޭގައި ދައްކައި ހަލާސްކުރުމަށް ސިވިލް ކޯޓުން އިއްޔެ އަޝްފާގުގެ މައްޗަށް ހުކުމްކޮށްފިއެވެ.
މިއީ ސިވިލް ކޯޓުން 2013 ވަނަ އަހަރު އަޝްފާގާއި ވީބީ ސްޕޯޓްސްގެ މައްޗަށް 1.4 މިލިއަން ރުފިޔާގެ ދަރަނި ސާބިތުވާކަމަށް ކަނޑައަޅައި ކުރި ހުކުމެއްގެ ތަންފީޒީ މައްސަލައެކެވެ. ދަރަނީގެ ތެރެއިން ނުދައްކާ ހުރި ފައިސާ ހޯދުމަށް ދަރަނި ދޫކުރި ފަރާތް ކަމަށްވާ ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއިން ވަނީ 2020 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ 14 ވަނަ ދުވަހު އަޝްފާގާއި ވީބީ ސްޕޯޓްސްގެ މައްޗަށް ދައުވާކޮށްފައެވެ.
ސިވިލް ކޯޓުން އެ މައްސަލަ ބެލުމަށްފަހު ފާހަގަވި ކަންކަން ބަޔާންކޮށް މި މައްސަލަ ބެއްލެވި އިސް ގާޒީ މަރްޔަމް ވަހީދާ ވިދާޅުވީ ސިވިލް ކޯޓުން މީގެކުރިން 2013 ވަނަ އަހަރު 1.4 މިލިއަން ރުފިޔާގެ ދަރަނި ސާބިތުވާކަމަށް ކުރި ހުުކުމުގައިވާ ގޮތުން ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް އަޝްފާގު އަދި ވީބީ ސްޕޯޓްސް ކްލަބުގެ ފަރާތުން ދައްކަންޖެހޭ 1.4 މިލިއަން ރުފިޔާ 2015 ނޮވެމްބަރު 15 އިން ފެށިގެން ކޮންމެ މަހަކުވެސް މަދުވެގެން އެމަހަކަށް ޖެހޭ މިންވަރު ސިވިލް ކޯޓަށް ދައްކަމުންގޮސް ހަމަސް ދުވަހުގެ ތެރޭގައި އެފައިސާ ދައްކައި ހަލާސްކުރަން ޖެހޭ ކަމަށެވެ.
އެ ހުކުމް ކޮށްފައިވަނީ ވީބީ ސްޕޯޓްސްގެ ޣައިރު ހާޒިރުގައި ކަމަށާއި މި މައްސަލައިގައި ކޯޓަށް ހާޒިރުކުރެވިފައިވަނީ ހަމައެކަނި އަޝްފާގުކަމަށް ގާޒީ ވިދާޅުވިއެވެ. ހުކުމާ އެއްގޮތަށް ފައިސާ ދައްކަމުންދިޔައީވެސް އަޝްފާގު ކަމަށާއި މި މައްސަލައާ ގުޅިގެން އަޝްފާގު ވަނީ ކޯޓުން ބޭރުން ޔޫމެޓް ކޮންސްޓްރަކްޝަނަށް 1،000،000 ރުފިޔާ ދައްކައިފައެވެ. މިހާރު ދަރަނީގެ ގޮތުގައި ނުލިބިހުރި ފައިސާގެ އަދަދަކީ 451،225.33 ރުފިޔާކަމަށް ގާޒީ ވިދާޅުވިއެވެ.
ގާޒީ ވިދާޅުވީ އަޝްފާގާއި ވީބީ ސްޕޯޓްސްގެ ފަރާތުން ދައްކަންޖެހި މިހާރު ނުދައްކާފައިވާ 451،225.33 ރުފިޔާ ދެއްކުމުގެ ގޮތުން މިމަހުން ފެށިގެން ހަމަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކައި ހަލާސްކުރާނެ ކަމަށާއި މި މައްސަލައަކީ އަޝްފާގާއި ވީބީ ސްޕޯޓްސްއަށްވެސް ރައްދުވާ މައްސަލައެއް ނަމަވެސް ބާކީ ދައްކަންޖެހޭ ފައިސާ ދައްކަމުންދާނީ އަޝްފާގުގެ ފަރާތުންކަމަށް އޭނާ ޝަރީއަތުގައި ބުނި ކަމަށެވެ.
ނަމަވެސް ޔޫމެޓް ކޮންސްޓްރަކްޝަންއިން ބޭނުންވަނީ މަދަނީ އިޖުރާއަތުގެ ގާނޫނާ އެއްގޮތަށް އަޝްފާގުގެ ނަން މަތީގައި ހުރީ މުދާތައް ވިއްކައިގެން ދަރަނީގެ ފައިސާ ވީހާވެސް އަވަހަށް ހޯދުމަށްކަމަށް ގާޒީ ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ކޯޓުން އަޝްފާގުގެ މާލީ ހާލަތު ބެލިއިރު ދަރަނި ދެއްކޭނެކަމުގެ ގާބިލްކަން ހުރިކަން އެނގުނުކަމަށް ގާޒީ ވިދާޅުވިއެވެ. ދަރަންޏެއް ސާބިތުވެ އޮތްވައި، އެ މީހެއްގެ ނަމުގައި ހުރި އުޅަނދުތަކާއި ގޯތި އެހެން ފަރާތަކަށް ބަދަލުކުރުމަކީ މިހާރު ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމު ތަރުތީބުުކުރެވިފައިވާ ގޮތުން ކުރެވޭނެ ކަމެއްނޫންކަމަށް ގާޒީ ވިދާޅުވިއެވެ. އަޝްފާގުގެ ފަރާތުން ދަރަނީގެ ބޮޑުބައެއް ދައްކާފައިވާ ކަމަށާއި މިހާރު ނުދައްކައިވަނީ 451،225.33 ރުފިޔާ ކަމަށެވެ.
ގާޒީ ވިދާޅުވީ މި ފައިސާ ދެއްކުމަށް އަޝްފާގުގެ ފަރާތުން ހުށަހަޅާފައިވާ ގޮތަކީ ދަަރަނީގެ ފައިސާ ލިބުން އަވަސްވާނެ ގޮތެއް ކަމަށެވެ.
އެކަންތައްތައް ފާހަގަކުރައްވައި ގާޒީ ވިދާޅުވީ އަލީ އަޝްފާގުގެ ފަރާތުންނާއި ވީބީ ސްޕޯޓްސްގެ ފަރާތުން ޔޫމެޓް ކޮންސްޓްރަކްޝަނަށް ދައްކަންޖެހޭ 1،451،225.33 ރުފިޔާގެ ތެރެއިން އެއް މިލިއަން ރުފިޔާ އަޝްފާގު، ދައްކާފައިވާކަން ކަނޑައަޅައި، ބާކީ ނުދައްކައިވާ 451،225.33 ރުފިޔާ، ޔޫމެންޓް ކޮންސްޓްރަކްޝަނަށް ލިބިދިނުމުގެ ގޮތުން މިމަހުން ފެށިގެން ހަމަސް ދުވަހުގެ ތެރޭގައި ފައިސާ ދައްކައި ހަލާސްކުރުމަށް އަޝްފާގާއި ވީބީ ސްޕޯޓްސްގެ މައްޗަށް ހުކުމްކުރާ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު