ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ގެނެސް، ރަސްމާލެ ހިއްކުމުގެ މަސައްކަތް ފަށައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދުނިޔޭގައި ހުރި އެންމެ ބޮޑެތި ދެ ޓްރެއިލާ ސަކްޝަން ހޮޕާ ޑްރެޖަރުގެ ތެރެއިން އެއް ޑްރެޖަރު ކަމަށްވާ، ޖާން ޑެ ނަލް ކުންފުނީގެ “ކްރިސްޓޯބަލް ކޮލޯން” އިން މިއަދު ވަނީ ބިން ހިއްކުމުގެ މަސައްކަތް ފަށާފައި ކަމަށެވެ.
އެއީ 100 އިންސައްތަ ނެޓް ޒީރޯ ކާބަން، ސްމާޓް އިކޯ ސިޓީ، “ރަސްމާލެ” އަށް ބިން އުފެއްދުމުގެ މަސައްކަތުގެ ބާރުމިން ތިން ގުނައަށް އިތުރުކުރުމަށް ފެށި މަސައްކަތެއް ކަމަށާއި ރަސްމާލެ އަކީ ރާއްޖޭގައި ހިންގާ އެންމެ ބޮޑު ތިމާވެއްޓާ ރައްޓެހި މަޝްރޫއު ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ހިއްސާކުރެއްވި މައުލޫމާތުގައިވާ ގޮތުން، އެ ޑްރެޖަރު އިއްޔެ ރަސްމާލެއަށް ގެންގޮސް، ރަސްމާލެއިން ފުރަތަމަ ލޯޑު ނަގާފައިވަނީ މިއަދުއެވެ. ފަތިހު 5:00 ގައި ޑްރެޖިން މަސައްކަތް ފަށައި، ހެނދުނު 11:41 ގައި ވަނީ ބިންގަނޑަށް ވެލި އަޅަން ފަށައިފައެވެ.
ހުޅުމާލޭ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް ވެސް އަވަސްކުރުމަށް ޑްރެޖަރެއް ގެނެސް، ދެ ޑްރެޖަރާއެކު މިދިޔަ ހުކުރު ދުވަހު ވަނީ ހިއްކުމުގެ މަސައްކަތް ފަށައިފައެވެ. ހުޅުމާލެ ފޭސް ތިނެއްގެ މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިމޭނެ ކަމަށް ލަފާކުރެވޭ އިރު، އޭގެ ފަހުން އެ ދެ ޑްރެޖަރު ވެސް ގިރާވަރަށް ބަދަލުކޮށް، ދެތިން މަސް ދުވަހުގެ ތެރޭގައި ގިރާވަރުގެ މަސައްކަތް ނިންމާނެކަމަށް ބެލެވެއެވެ.
މައްޗަންގޮޅި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އަމީނިއްޔާ ސްކޫލުގައި މިދިޔަ އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވެފައިވަނީ ރަސްމާލޭގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި ތިން ދިމާލަކުން ހިއްކަމުންދާ އިރު، އެއް ދިމާލެއްގެ މަސައްކަތް ހުއްޓުމެއްނެތި ކުރިިއަށްގެންދާ ކަމަށެވެ. އަދި އެ މަސައްކަތުގެ ސްޕީޑު ތިންގުނަ އަވަސްކުރުމަށް، މިހާރު ބޭނުންކުރާ ޑްރެޖަރުތަކަށްވުރެ ދެ ގުނަ ބޮޑު ޑްރެޖަރެއް ގެންނާނެކަން ރައީސް އިއުލާންކުރެއްވިއެވެ.
“ފަށައިގެން ގޮސް މާޗް ހިސާބުން ނޫނީ، އެޕްރީލް ހިސާބަށް ދާއިރުގައި އެތަން އެއްކޮށް އިރާދަކުރެއްވިއްޔާ ނިމޭނެ. ނިމޭއިރުގައި ހިއްކައި ނިމެނީ ހުޅުމާލޭގެ ދެ ފިޔަވަހި އެއްކޮށްލީމަ އޮތް ބިމަށްވުރެ ދެގުނަ ބޮޑުބިމެއް. އެހެންވީމަ އެތަން ހިއްކައި ނިމޭނީ،” އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.
ރައީސް އިތުރަށް ވިދާޅުވެފައިވަނީ ރަސްމާލޭގެ ޕްލޭންގައި 25،000 ގޯތި ހިމެނޭނެ ކަމަށާއި އެތަނުން ފުރަތަމަ ދޫކުރާ 15،000 ގޯތީގެ ތެރެއިން 10،000 ގޯތި ދޫކުރާނީ މާލޭގެ ރަށްވެހިންނަށް ކަމަށެވެ. އަދި 15 އަހަރަށްވުރެ ދިގު މުއްދަތެއްގައި މާލޭގައި ދިރިއުޅޭ އެކި ރަށްރަށުގެ މީހުންނަށް 3،000 ގޯތި ހާއްސަކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު