ތޫފާން ދިތުވާގެ ސަބަބުން ސްރީ ލަންކާއަށް ލިބެމުންދާ ގެއްލުންތަކަށް އެހީ ފޯރުކޮށްދިނުމަށްޓަކައި ވިލާ ގްރޫޕުން 100،000 ޑޮލަރު ހަދިޔާކޮށްފިއެވެ.
ވިލާގެ އެހީ ހަވާލުކޮށްދެއްވީ ވިލާ ރިސޯޓްސްގެ ސީއީއޯ އިބްރާހީމް ސިޔާދު ގާސިމެވެ. އެހީއާ ހަވާލުވެވަޑައިގަތީ ލަންކާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު މުހައްމަދު ރިޒްވީ ހަސަން އެވެ.
ތޫފާނުގެ ސަބަބުން ލަންކާގައި މިހާތަނަށް 300 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި ތޫފާނުގައި 218 މީހަކު ވަނީ ގެއްލިފަ އެވެ. އަދި މަދުވެގެން 50،000 ގެ ތޫފާނުގެ ސަބަބުން މުޅިން ހަލާކުވެފައިވާ ކަމަށް ބެލެވެ އެވެ.
ރާއްޖޭގެ ރައްޔިތުންނާއި ބޮޑެތި ވިޔަފާރިވެރިން ވެސް ގެންދަވަނީ ސްރީލަންކާއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ރާއްޖޭގެ އިތުރުން ލަންކާގައި ވެސް ރިސޯޓެއް ހިންގާ ސަން ސިޔާމް ގްރޫޕުން ވަނީ ލަންކާއަށް 200،000 ޑޮލަރު ހަދިޔާކޮށްފައެވެ. ކްރައުން އެންޑް ޗަމްޕާއިން ވަނީ 10،000 ޑޮލަރުގެ އެހީތެރިކަމެއް ފޯރުކޮށްދީފަ އެވެ.
އޭގެ އިތުރުން، “ލަންކާއާއެކު ދިވެހިން” ގެ ނަމުގައި ބޭއްވި ޓެލެތޯނަށް 10 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ލިބިފަ އެވެ.
އެ ޓެލެތޯނަށް އެންމެ ބޮޑު އަދަދެއްގެ ފައިސާ ހަދިޔާ ކުރީ ދިވެހި ފުލުހުންގެ ފަރާތުންނެވެ. ފުލުހުން ވަނީ ޓެލެތޯނަށް 2.4 މިލިއަން ރުފިޔާ ދީފަ އެވެ. ދިވެހި ސިފައިންގެ ފަރާތުން ވެސް އެއް މިލިއަން ރުފިޔާ ހަދިޔާ ކުރިއެވެ.
ކިޔުންތެރިންގެ ހިޔާލު