ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައީސް އިނގިރޭސިވިލާތަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި

raees muiz

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިނގިރޭސިވިލާތަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފިއެވެ.

މިއީ އިނގިރޭސި ރަސްގެފާނު، ހިޒް މެޖަސްޓީ ކިންގ ޗާލްސް ތިންވަނައިގެ ދަޢުވަތަކަށް، ސަސްޓެއިނަބަލް މާކެޓްސް އިނީޝިއޭޓިވް (އެސް.އެމް.އައި) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ، “ހައި-ލެވެލް ބްރީފިންގ އޮން ޕްރައިވެޓް ކެޕިޓަލް މޮބިލައިޒޭޝަން” ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހުރިއްޔާ ކުރައްވާ ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، މި ބައްދަލުވުމުގައި މަޝްވަރާ މައިގަނޑުގޮތެއްގައި މަޝްވަރާކުރައްވާނީ، މޫސުމީ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ބައިނަލްއަޤުވާމީ ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށާއި، ދެމެހެއްޓެނިވި ތަރައްޤީގެ ދުވެލި އަވަސްކުރުމަށް، ބައިނަލްއަޤުވާމީ ގުޅުންތައް އިތުރަށް ހަރުދަނާކޮށްގެން، ޕްރައިވެޓް ކެޕިޓަލް ބޭނުންކުރެވިދާނޭ ގޮތްތަކާމެދުގައެވެ. އަދި މި ބައްދަލުވުމުގައި ބައިވެރިވާނީ ބައިނަލްއަޤުވާމީ ޑިވެލޮޕްމަންޓް ބޭންކްތަކާއި، ދުނިޔޭގެ ބޮޑެތި މާލީ މުއައްސަސާތަކުގެ ވެރީންނެވެ.

ސަސްޓެއިނަބަލް މާކެޓްސް އިނީޝިއޭޓިވް އަކީ، އިނގިރޭސި ރަސްގެފާނު ހިޒް މެޖަސްޓީ ކިންގ ޗާލްސް ތިންވަނައިގެ ތަސައްވުރެއްގެ މައްޗަށް ބިނާކުރައްވާފައިވާ، އެމަނިކުފާނުގެ އިސްނެންގެވުމެކެވެ. މިއީ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމުގެ މަސައްކަތްތަކުގައި އަމިއްލަ ވިޔަފާރިތައް ހަރަކާތްތެރިކުރުވާ މަންސައެކެވެ. އެގޮތުން، އަމިއްލަ ވިޔަފާރި ކުންފުނިތަކުގެ ވެރީންނާއި، ބައިނަލްއަޤުވާމީ ފެންވަރުގައި ނިންމުންތައް ނިންމާ ފަރާތްތަކުން ހިންގާ އިޤްތިޞާދީ ހަރަކާތްތަކަކީ، ދެމެހެއްޓެނިވިކަމުގެ މައްޗަށް ބިނާކުރާ ހަރަކާތްތަކަކަށް ހެދުމަށް އެސް.އެމް.އައި އިން ބާރުއަޅައެވެ. އަދި، އަމިއްލަ ވިޔަފާރިތަކުން ކުރާ ދުރު ރާސްތާ މަސައްކަތްތަކަކީ، ތިމާވެށީގެ ގޮތުން ޒިންމާދާރު، އަދި ޤައުމީ ފެންވަރުގެ މޫސުމީ އަޒުމުތަކާއި، “1.5 ޑިގްރީ ސެލްސިއަސް ޕާތުވޭ” އަށް ވާސިލުވުމަށް ކުރާ މަސައްކަތްތަކާ އެއްއުއިވާ މަސައްކަތްތަކަކަށް ހެދޭނޭ މަގު ދައްކައިދިނުމަކީ، އެސް.އެމް.އައި ގެ އަމާޒެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް

ރައްޔިތުންނަށް ގެއްލުންވާނެ ކަމެއްގައި ނާހާނަން: ރައީސް

ޗާގޯސް މައްސަލައިގައި ކުރީ ސަރުކާރުން ކަންކަން ކުރީ ގާނޫނު އަސާސީއާ ހިލާފަށް: ރައީސް

ސަޢޫދީ ޢަރަބިއްޔާގެ ސަފީރު ދެއްވި ރޯދަވީއްލުމުގައި ބައިވެރިވެވަޑައިގެންފި