ތޫފާން ޑިތުވާގެ ސަބަބުން ލަންކާގައި ފެން ބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުން ފަދަ އެކި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 132 އަށް އަރައި ހާލަތު އިތުރަށް ގޯސްވުމުން އެ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި އެވެ.
ލަންކާގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ) އިން ބުނީ މޫސުން ގޯސްވުމުގެ ސަބަބުން މިހާތަނަށް 15،000 އަށް ވުރެ ގިނަ ގެދޮރު ހަލާކުވެ، 78،000 އަށް ވުރެ ގިނަ މީހުން ވަގުތީ ހިޔާތަކަށް ދާން މަޖުބޫރުވެފައިވާ ކަމަށެވެ.
ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސެނަޔަކަ ކުއްލި ނުރައްލުގެ ހާލަތު މިއަދު އިއުލާނުކުރެއްވުމާއެކު މި ހާލަތުގައި ކަންކަން ނިންމެވުމަށް އެމަނުފާނަށް ބޮޑެތި ބާރުތަކެއް ލިބިވަޑައިގަންނަވާނެއެވެ.
ތޫފާން “ޑިޓްވާ”ގެ ސަބަބުން ލަންކާގެ ގިނަ ސަރަހައްދުތަކުގައި ފެންބޮޑުވެފައިވާއިރު، އެ ގައުމުގެ މައި ސިޓީ ކޮލަންބޯ ޕޯޓުގެ މަސައްކަތްތައް ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށް ލަންކާގެ ޕޯޓް އޮތޯރިޓީން މިއަދު ވަނީ އިއުލާންކޮށްފައެވެ.
މީގެ އިތުރުން އެ ގައުމަށް ދަތުރުކުރާ ބައެއް ފްލައިޓްތައްވެސް ވަނީ ކެންސަލްކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު