ގއ. ގެމަނަފުށީގައި އިމާރާތްކުރަން ފެށިފަހުން ހުއްޓިފައިވާ މިސްކިތުގެ މަސައްކަތް ފެށުމަށް އާރްޑީސީން ތައްޔާރުވެއްޖެއެވެ.
އާރްޑީސީއިން މިއަދު މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ، ގެމަނަފުށީގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މިސްކިތުގެ މަސައްކަތްތަކުގެ ތެރެއިން ފެންސު ޖެހުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
ސަރުކާރުން ހަވާލުކޮށްފައިވާ މުއްދަތުގެ ތެރޭގައި މިސްކިތުގެ މަސައްކަތް ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.
ގެމަނަފުށީގައި މިސްކިތެއް އެޅުމުގެ މަސައްކަތް މިދިޔަ ސަރުކާރުގައި ހަވާލުކޮށްފައިވަނީ އީވޯސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ މަސައްކަތް ލަސްވެ، ފަހުން މަސައްކަތް އެއްކޮށް ހުއްޓުނެވެ.
އެހެންކަމުން އެ މިސްކިތުގެ މަސައްކަތް އަވަހަށް ނިންމުމަށް އިސްލާމިކް މިނިސްޓްރީން ވަނީ މިދިޔަ އޮގަސްޓް މަހުގެ ފަސް ވަނަ ދުވަހު އެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
ގެމަނަފުށީގައި އިމާރާތް ކުރަމުންދަނީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މިސްކިތުގެ މަސައްކަތް އެއްކޮށް ނިމޭއިރު ވުޟޫކުރާނެ ބަޔަކާއި، މުންނާރު، މިސްކިތުގެ ލޭންޑްސްކޭޕިންގ އަދި ވަށާފާރުގެ މަސައްކަތް ނިމިގެންދާނެއެވެ.
މީގެ އިތުރުން މި މިސްކިތުގައިވެސް ސޯލާރ ޕެނަލް ހަރުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މިއީ 7.7 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މަސައްކަތެކެވެ. މަސައްކަތް އެއްކޮށް ނިންމަން ދީފައިވަނީ 240 ދުވަހެވެ.
ކިޔުންތެރިންގެ ހިޔާލު