އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން އިސްތިއުފާދެއްވި ފައްޔާޒު އިސްމާއީލް، ޕާޓީ ހިންގެވުމަށް ކުރެއްވި ބުރަ މަސައްކަތް އެ ޕާޓީން ބަލައިގަންނާނެ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ފައްޔާޒް މަގާމުން އިސްތިއުފާ ދެއްވިކަން އިއުލާންކުރެއްވީ ރޭ ކުރިޔަށްދިޔަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގަ އެވެ.
މިކަމާ ގުޅިގެން “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ސޯލިހު ވިދާޅުވީ، ފައްޔާޒުގެ ޗެއާޕާސަންކަމުގެ ދައުރު ވެގެންދިޔައީ ސަރުކާރު ހިންގާ ޕާޓީއެއް ގޮތުގަޔާއި، އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައި އޮވެ މަސައްކަތް ކުރަން ޖެހުނު ދުވަސްވަރަކަށް ކަމަށެވެ. ނަމަވެސް، ކުރިމަތިވި އުނދަގޫތަކާއެކު ވެސް، ފައްޔާޒް ޕާޓީ ހިންގެވުމުގައި އަބަދުވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވިކަމުގައި ސޯލިހު ފާހަގަކުރެއްވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަންގެ ހައިސިއްޔަތުން ފައްޔާޒު ކުރެއްވި މަސައްކަތްތައް ޕާޓީގެ ހުރިހާ މެންބަރުން ވެސް ބަލައިގަންނާނެ ކަމަށެވެ. އަދި އޭނާ އެ މަގާމުގައި ހުންނަވައިގެން ޕާޓީއަށް ކޮށްދެއްވި ހިދުމަތްތަކަށް ސޯލިހު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމުން ފައްޔާޒު އިސްތިއުފާދެއްވުމާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ފައްޔާޒަށް ތައުރީފުކުރައްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު