އަންނަ 2026 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓް، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީން ދިރާސާކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ބަޖެޓް ރިޕޯޓަށް ބަހުސް ފެށުމަށް ރައްޔިތުންގެ މަޖިލީހުގެ މާދަމަގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.
މިދިޔަ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހު، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ 2026 އަށް ލަފާކޮށް 64.2 ބިލިޔަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައެވެ.
އެ ބަޖެޓް އިތުރަށް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީއަށް ފޮނުވުމުން، ބަޖެޓް ދިރާސާކޮށް ނިންމައި މިދިޔަ ބުދަ ދުވަހު ބަޖެޓާއެކު ބަޖެޓް ރިޕޯޓް ކޮމިޓީން ފާސްކޮށް ވަނީ މަޖިލިސް ތަޅުމަށް ފޮނުވައިފައެވެ.
ކޮމިޓީން ފާސްކުރި ބަޖެޓް ރިޕޯޓްގައި ބައެއް ކަންކަން ހިމެނުނު ނަމަވެސް ބަޖެޓްގެ ޖުމްލަ އަދަދަށް ބަދަލެއް އައިސްފައެއް ނުވެއެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހަށް އިތުރަށް ބޭނުންވާ 3.5 މިލިޔަން ބަޖެޓްގައި ހިމެނުމަށް ކޮމިޓީން ފާސްކުރި ނަމަވެސް އެފައިސާ ހަމަޖައްސައިދީފައި ވަނީ ބަޖެޓަށް ފައިސާ އިތުރުނުކޮށް، ބަޖެޓަށް ގެންނަން އެޖަސްމެންޓަކުން އިތުރު ކުރެވޭގޮތަށެވެ.
ރައްޔިތުންގެ މަޖިލީހުގައި ބަޖެޓް ބަހުސް ކުރިއަށްގެންދިޔައީ ކޮންމެ މެންބަރަކަށް 15 މިނެޓްގެ ފުރުސަތެއް ދީގެންނެވެ. އެގޮތުން މިދިޔަ އަންގާރަ ދުވަހަށް ބަޖެޓް ބަޖެޓް ބަހުސް ނިންމައިލީ، 60 މެންބަރުން ބަޖެޓާ ބެހޭގޮތުން ވާހަކަ ދެއްކުމަށްފަހުގައެވެ.
މާދަމާ ބަޖެޓް ރިޕޯޓަށް ބަހުސް ފަށާއިރު ކޮންމެ މެންބަރަކަށް ހަތް މިނެޓްގެ ފުރުސަތެއް ދޭން ވަނީ ނިންމައިފައެވެ.
އަންނަ އަހަރަށް ހުށަހެޅި 64.2 ބިލިޔަން ރުފިޔާގެ ބަޖެޓުން 39.9 ބިލިއަން ރުފިޔާ ނުވަތަ ބަޖެޓުގެ 62 ޕަސެންޓް އެކަށައަޅާފައިވަނީ ރިކަރަންޓް ހަރަދަށެވެ. މީގެ ތެރޭގައި ގިނަ ޒަމާންތަކަކަށްފަހު ދައުލަތުގެ ގިނަ އަދަދެއްގެ މުވައްޒަފުންގެ މުސާރަތައް ބޮޑުކޮށް ހާމަނައިޒް ކުރުން ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަންނަ އަހަރު ކެޕިޓަލް ހަރަދަކީ 9.3 ބިލިއަން ރުފިޔާއެވެ.
އަންނަ އަހަރަށް ޓެކުހުގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވަނީ 31.3 ބިލިއަން ރުފިޔާއެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވަނީ 8.7 ބިލިއަން ރުފިޔާއެވެ.
ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކުރާ 373.6 މިލިއަން ރުފިޔާއާއެކު، 2026 ވަނަ އަހަރުގެ ނިޔަލަށް ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރަނީ 40.3 ބިލިއަން ރުފިޔާވެ.
މިއީ މި އަހަރު ދައުލަތަށް ލިބޭނެކަމަށް މިހާރު އަންދާޒާ ކުރާ ޖުމުލަ އާމްދަނީއާއި ހިލޭ އެހީއާ އަޅައިބަލާއިރު 6.6 ޕަސެންޓް އިތުރު އަދަދެކެވެ.
ކިޔުންތެރިންގެ ހިޔާލު