ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ވޭތުވި ދެއަހަރު 44 ޖެންސެޓް ބަހައްޓައި، 23.9 މެގަވޮޓްގެ ކެޕޭސިޓީ އިތުރުކޮށްފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.
ވޭތުވި ދެ އަހަރުގެ އެ ކުންފުނީގެ އުސްއަލިތައް ހާމަކުރަމުން ސްޓެލްކޯއިން ބުނީ، ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ސްޓެލްކޯއިން ވަނީ އެ ކުންފުނީގެ ޚިދުމަތްދޭ 29 ރަށެއްގައި ޖުމްލަ 44 ޖެންސެޓް ބަހައްޓައި، އެ ރަށްތަކަށް ޖުމްލަ 23.9 މެގަވޮޓްގެ ކެޕޭސިޓީ އިތުރުކޮށްފައެވެ.
ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތުގެ ތަފްސީލަށް ބަލާއިރު، އަރިއަތޮޅު އުތުރުބުރީގެ 7 ރަށެއްގައި ވަނީ އިތުރު 11 ޖެންސެޓް ބަހައްޓާފައެވެ. މީގެ ތެރެއިން 8 ޖެންސެޓަކީ މުޅިން އައު ޖެންސެޓްތަކެވެ. މި 11 ޖެންސެޓާއިއެކު މި 7 ރަށަށް ޖުމްލަ 5.4 މެގަވޮޓްގެ ކެޕޭސިޓީ ވަނީ އިތުރުކުރެވިފައެވެ.
އަރިއަތޮޅު ދެކުނުބުރީގެ 8 ރަށުގައި އިތުރު 13 ޖެންސެޓް ބަހައްޓާފައިވާއިރު، މީގެ ތެރެއިން 6 ޖެންސެޓަކީ އައު ޖެންސެޓްތަކެވެ. މި 13 ޖެންސެޓާއިއެކު މި 8 ރަށަށް ޖުމްލަ 3.7 މެގަވޮޓްގެ ކެޕޭސިޓީ ވަނީ އިތުރުކުރެވިފައެވެ.
މީގެ އިތުރުން، މާލެ އަތޮޅުގެ 9 ރަށެއްގައި ޖުމްލަ 15 ޖެންސެޓް ބަހައްޓާފައިވެއެވެ. މި 15 ޖެންސެޓްގެ ތެރެއިން 12 ޖެންސެޓަކީ މުޅިން އައު ޖެންސެޓްތަކެވެ. މި މަސައްކަތުގެ ސަބަބުން މި 9 ރަށަށް ޖުމްލަ 12.8 މެގަވޮޓްގެ ކެޕޭސިޓީ ވަނީ އިތުރުކުރެވިފައެވެ.
ސްޓެލްކޯއިން މިފަދަ މަޝްރޫޢުތައް ކުރިއަށް ގެންދަނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދެމެހެއްޓެނިވި އަދި އިތުބާރު ހުރި ކަރަންޓުގެ ޚިދުމަތެއް ފޯރުކޮށްދިނުމުގެ މަޤްސަދުގައެވެ.
ކިޔުންތެރިންގެ ހިޔާލު